ކ. ކަޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
ބުދަ ދުވަހު ކ. ކުޑައޮށްގިރި ކައިރިން ދޯންޏަކުން ކަނޑަށް އެޅި, ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ބަނޑޮސް އައިލެންޑް ރިސޯޓާއި ދިމާލަށް ހުޅަނގަށް އޮޔާ ދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މައުލޫމާތުދީފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި ލަކުޑި ފިލާތަކަކީ ބުދަ ދުވަހު ކަނޑުއޮށްގިރި ކައިރި އަށް ފަރަށް އެރި "ނާޒް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ފޭބި ފިލާތަކެކެވެ.
މި ތަކެތި ނެގުމުގެ މަސައްކަތް މި ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ގުޅިގެން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށާއި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެ ދޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.