އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް، ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި ބިލު، ދިރާސާ ކުރަން މަޖިލީހުން ހޮއްވެވި ވަގުތީ ކޮމެޓީން އެ ބިލު ފާސްކުރަން ފެންނަ ކަމަށް ނިންމީ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީގެ މުގައްރިރަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.
އާމިރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލަށް ކޮމެޓީން އިތުރު އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި ގޮތަށް އެ ބިލު ފާސްކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ. އެހެންކަމުން އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލު، ބާތިލު ކުރަން ހުށަހަޅާފައިވާ ބިލު ފާސްކުރަން މަޖިލީހުގެ 64 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.
ވެރިކަމަށް ކުރިމަތިލެވޭ ދޮށީ އުމުރާއި އެންމެ ހަގު އުމުރު ކަނޑައެޅީ 2015 ވަނަ އަހަރު ޕީޕީއެމުންނެވެ. ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން، އެގޮތަށް ކަނޑާއަޅާފާފައި ވަނީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެނައުމަށެވެ. އޭނާ ނައިބު ރައީސްގެ މަގާމަށް ގެނައުމަށް ގާނުނުއަސާސީއަށް ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.
އޭގެ ކުރިން ގާނޫނުއަސާސީގައި ބުނެފައި ވަނީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 35 އަހުރުވުމުން ކަމަށެވެ.
ނައިބު ރައީސްގެ މަގާމަށް އަދީބު މަޖިލީހުން އައްޔަންކުރިއިރު، އޭނާގެ އުމުރަކީ 33 އަހަރެވެ.
އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ވެރިކަމަކަށް ކުރިމަތިނުވެއެވެ. ގާސިމްގެ އުމުރަކީ 67 އަހަރެވެ.