ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ނިންމާފައި އޮތް އޮތުން ބަދަލުކޮށް، މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ދިވެހި ސަރުޚާރުގެ މި ނިންމުން ހާމަކުރައްވާފައިވަނީ، އދ ގެ ކޮމިޓީ އަގެއިންސްޓް ޓޯޗަރއިން އެކުލަވާލާފައިވާ ކޮންވެންޝަން އޮން ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމޭން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓްގެ، 19 ވަނަ މާއްދާގެ ދަށުން ރާއްޖެއިން އެ ކޮމިޓީއަށް ހުށަހަޅާފައިވާ ފުރަތަމަ ރިޕޯޓާއި ގުޅޭގޮތުން އަންގާރަ ދުވަހު އެ ކޮމިޓީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްޞީލު ކުރެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙުމަދު ނަސީމެވެ.
ކުރީގެ ސަރުކާރުން އެ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓާއި ގުޅޭގޮތުން މި ސަރުކާރުގެ ބައެއް ޤަބޫލު ކުރުންތަކާއި ބައެއް ކަންކަމާއި މެދު ދެކޭ ގޮތް ހާމަކުރައްވަމުން ނަސީމް ވަނީ ޚާއްސަކޮށް މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ނަސީމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް 18 މީހަކަށް މަރުގެ ޙުކުމް އިއްވާފައިވާ ކަމަށާއި، މީގެ ތެރެއިން 15 މީހެއްގެ ޙުކުމް އުމުރަށް ޖަލަށް ލުމަށް ލުއިކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމި، މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭ މަރުޙަލާގައި (ޑެތު ރޯގައި) ތިބީ 3 މީހުން ކަމަށެވެ.
ރައްޖޭގައި އެންމެ ފަހުން މަރުގެ ޙުކުމް ތަންފީޒު ކޮށްފައިވަނީ 1954 ވަނަ އަހަރުކަން ފާހަގަ ކުރައްވާ ނަސީމް ވިދާޅުވީ، މިހާރު އޮތް ދިވެހި ސަރުކާރުގެ ނިންމެވުމަކީ ވޭތުވެދިޔަ 65 އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ތާނގައިވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރުން ކަމަށެވެ. އެހެންކަމުން، އދގެ އާންމު މަޖިލީހަށް "މޮރެޓޯރިއަމް އޮން ދި ޔޫޒް އޮފް ދި ޑެތު ޕެނަލްޓީ" ގެ ނަމުގައި ހުށަހަޅާފައިވާ ޤަރާރަށް ކުރީ ސަރުކާރުން ދީފައިވާ ވޯޓު ބަދަލުކޮށް، ކުރިއަށް އޮތް ޕްލެނަރީގައި އެ ޤަރާރަށް ތާއީދު ކުރުމަށް ނިންމާފައިވާކަންވެސް ނަސީމް ހާމަކުރެއްވިއެވެ.
ނަސީމް ވިދާޅުވީ މި މައްސަލައިގައި އދގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި މަދަނީ ޖަމުޢިއްޔާތަކުގެ ވަރަށް ބައިވަރު ކަންބޮޑުވުންތައް ހުރިކަން މިހާރުގެ ސަރުކާރުން ޤަބޫލުކުރައްވާ ކަމަށާއި، މި ކަންބޮޑުވުންތަކަށް މުހިއްމު އިސްކަމެއްދީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތަރަހައިގެ ތެރެއިން ކަންކަން ކުރާނެ ކަމަށެވެ.
ނަސީމް ވިދާޅުވި، މަރުގެ އަދަބު އެއްކޮށް އުވާލުމަށް އެކިއެކި ބައިނައަޤުވާމީ މުއައްސަސާތަކާއި ސަރުކާރުތަކާއި މަދަނީ ޖަމާޢަތްތަކުން ދިވެހިރާއްޖެއަށް ގޮވާލަމުންދާކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖެއިންވެސް ބައިވެރިވެފައިވާ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) ގައި، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 18 އަހަރުން މަތީގެ މީހުންނަށް މަރުގެ އަދަބު ދެވިދާނެ ކަމަށް ބަޔާން ކޮށްފައިވާކަން ނަސީމް ފާހަގަ ކުރެއްވިއެވެ.
ނަސީމް ވިދާޅުވީ، މި ކަންކަން ރަނގަޅަށް ދިރާސާކޮށް، މިކަމުގައި ގޮތެއް ނިންމުމަށް މި ސަރުކާރަށް އެކަށޭނަ ވަގުތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މަރުގެ ޙުކުމުގެ މައްސަލައަކީ މި ސަރުކާރުން ވަރަށް ފުންކޮށް ވިސްނައި، އިސްކަމެއް ދޭނެ ކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ، 18 އަހަރު ނުވަނިސް މަރުގެ ޙުކުމް އިއްވާފައިވާ ފަރާތްތަކުގެ ޙުކުމްވެސް ތަންފީޒު ކުރުން ނުކުރުމަށް ނިންމާފައިވާ ކަމަށާއި، ރާއްޖެއިން ބައިވެރިވާ ކޮންވެންޝަން އޮފް ރައިޓްސް އޮފް ދި ޗައިލްޑް ގައިވާ ހުރިހާ ޙައްޤުތަކެއް އެފަދަ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.
މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް ނިންމައި، އެ ޙުކުމް ކުރެވޭނެ ހާލަތްތައް ރާއްޖޭގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްގޮތަށް ބައްޓަންކުރެވިގެން އެކަމާއި އަލުން ނިންމުންތަކެއް ނިންމުމަށް ސަރުކާރުން ނިންމާފައިވާއިރު، ކުރިގެ ސަރުކާރުން ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމައި، އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް މާފުށީ ޖަލުގައި ޤާއިމްކޮށްފައެވެ.
ދުނިޔޭގެ އެކި ޖަމުއިއްޔާތަކުން މަރުގެ އަދަބު އެކުގައި އުވާލުމަށް ކެމްޕެއިން ކުރަމުން ދިޔަ ނަމަވެސް، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ދެކޮޅުހަދާ ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކަށް ވެފައިވަނީ ރާއްޖޭގެ ޖުޑީޝަރީއަށް އޮތް އިތުބާރު ކުޑަވުމާއި، ޖުޑީޝަރީއަށް އެކި ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތެވެ.
ޤާނޫނުތަކުގައި މަރުގެ ޙުކުމް ހުއްދަ ކުރެވިފައިވާ، ނަމަވެސް ވޭތުވެދިޔަ 5 އަހަރު އެ ޙުކުމް ތަންފީޒު ނުކުރާ 21 ޤައުމެއް ހިމެނޭއިރު، ވޭތުވެދިޔަ 5 އަހަރުތެރޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްފައިވަނި 35 ޤައުމެއްގައެވެ.