ދައުލަތުގެ ބަޖެޓްގެ 20 ޕަސެންޓް ކޮރަޕްޝަނަށް ދާ ކަމަށް ގަބޫލުކުރެވޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން މިފަދަ ކޮރަޕްޝަންގެ އަމަލުތައް ފަސޭހަ ކަމާ އެކު ހިންގަމުން އަންނަ އިރު، މިކަން ރަނގަޅަށް ބެލި ފިޔަވަޅު އެޅެމުން ނުދާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ސަރުކާރު ތެރޭގައި ހިންގަމުން އަންނަ ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް، އެ ޖަރީމާތައް ހިނގައިދާތާ އެތަށް އަހަރެއް ފާއިތުވެގެން ދާއިރުވެސް ރަނގަޅަށް ބެލި، ފިޔަވަޅު އެޅިފައިނުވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ބެލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގައި އެބަ އޮތް ކަމަށާއި، ނަމަވެސް އެ މައްސަލަތައް ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ވެސް ބެލިފައި ނެތް ކަމަށާއި، މިފަދަ މައްސަލަތައް ބެލި ފިޔަވަޅު އެޅުމުން ނުދަނީ ދައުލަތުގެ ކޮން ފަރާތެއްގެ އިހުމާލުން ކަމަށްތޯ ބަލަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"އެމްއެމްޕީއާރްސީ މައްސަލައަކީވެސް ރޯމާ ދުވާލު ހިންގި ބޮޑު ޖަރީމާ އެއް. އޭގެއިން ވެސް އަރައި ނުގަނެވިގެން މި އުޅެނީ ކޮބައިތޯ މި ގައުމުގައި މިދިޔަ 10 އަހަރު ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ސާބިތުކުރެވޭ ވަރަށް އަޅުގަނޑުމެންނަށް ހިފިފައިނެތޭ. އެކަމަކު އިންތިހާއަށް ގައުމުގައި ކޮރަޕްޝަން އެބައޮތް. ވެދާނެ ނިޒާމުގައި އޮތް މައްސަލެ އެއް ކަމަށް. މަޖިލީހުގެ މައްސަލައަކަށް ވެދާނެ، ނޫނީ އޮޑިޓް އޮފީހުގެ މައްސަލައަކަށް ވެސް ވެދާނެ. އެކަމު މައްސަލަ އެބައުޅޭ. މިއީ އަޅުގަނޑުމެން ހޯދަން ބޭނުންވާ މައްސަލައަކީ. އިންތިހާއަށް ކޮރަޕްޝަން އެބައޮތް،" ޣަފޫރު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ކޮރަޕްޝަންތައް ހުއްޓުވުމަށްޓަކައި، މާލިއްޔަތު ކޮމިޓީ އާއި އޮޑިޓަރ ޖެނެރަލް އެކުއެކީގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެކަމަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.