އިންތިހާބާއި ދިމާކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ ފާއިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކުންފުނިތަކުގެ އެކްސްޓަރނަލް އޮޑިޓެއް ހެދުމާއި ގުޅޭގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އެޗްޑީސީން އެއްވެސް ބެލުމެއް ނެތި އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ގިނަ ޕްރޮޖެކްޓްތަށް ފެށި ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ ކުއްލިއަކަށް އިންތިޚާބާ ދިމާކޮށް ބްރިޖާއި ގުޅިގެން އައި ހައިވޭ އާއި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ "ހިޔާ" މަޝްރޫއަށް ވެސް ކުންފުނީގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ ބޭންކް ފައިނޭންސް ހަމަނުޖެހެނީސް އެ ކުންފުނީގެ ކޭޝް ފްލޯއިން އަމިއްލައަށް ހަރަދުކޮށްފައިވާ ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ ބިން ވިއްކުމަށް އެޗްޑީސީން ނިންމިއިރު އެއީ، އެ ކުންފުނީގެ މާސްޓަރ ޕްލޭންގައި ވެސް އޮތް ގޮތެއް ނޫން ކަމަށާއި ބިން ވިއްކުމަށް އެޗްޑީސީން ނިންމީ ކޭޝްފްލޯ ހަމަޖެއްސުމަށް ކަމަށް ބުނެފައިވާއިރު އެކަން އެގޮތަށް ކޮށްގެން އެއްވެސް ޙައްލެއް ނާންނަ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
"ހަތްހާސް ހައުސިންގ ޔުނިޓު އެ ލޯން ސްޓާރޓްވެގެން ލޯން ހޯދައިގެން 300 މިލިއަން ޑޮލަރުގެ ލޯނުން މަސައްކަތް ފަށާފައި އެތަން އަދި ނުދެވެނީސް އޭގެ ލޯން ރީޕޭމަންޓުވެސް ސްޓާރޓު ކުރި. އެހެންވީމަ މިއީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު މާލީ ނިކަމެތި ކަމެއް. ދެން ސުވާލަކީ އެ ކުންފުންޏަށް، އެ މެނޭޖުމަންޓަށް އެތަން ނުފެނޭތޯ. މި ފައިސާގެ ޑިފިކަލްޓީ އަންނާނެތޯ ނުވަތަ ނާންނާނެތޯ މިތަން އެބޭފުޅުންނަށް ނުފެންނަނީ ކީއްވެގެންތޯ،" އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
ސަރުކާރުގެ ނިންމުންތަށް ލޯ މަރާލާފައި ނަގަންވީތޯ ބުނެ ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ވަނީ ސުވާލުއުފައްދާފައެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެޗްޑީސީއަކީ މީގެ ކުރިން ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބުނު ކުންފުނި ކަމަށާއި، ކުންފުނީގެ ކޭޝްފްލޯ ދަށްވަމުންދާ މަންޒަރު އެ ތަނުގެ ބޯޑުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި އެ ކަމާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި ސަބަބާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް ވަނީ ސުވާލު އުފައްދަވާފައެވެ.