ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން އަންގާރަ ދުވަހު ބާތިލުކޮށްފިއެވެ
ހައިކޯޓުން މި މައްސަލަ ބާތިލުކޮށްފައިވަނީ ވިސާމުގެ މައްޗަށް ކޮށްފައިވާ ދައުވާ އިސްތިއުނާފު ކުރަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ނިންމާފައިވަނިކޮށެވެ.
ވިސާމުގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ދައުވާ ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ކޮށްފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވާއިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުންވެސް ވަނީ ނިންމަވާފައެވެ.
ވިސާމުގެ މައްޗަށް ކުރެވުނު ދައުވާއާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން އޭރު ހުކުމް ކޮށްފައި ވަނީ އޭނާ ހައްޔަރު ކުރެވުނު ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ތިބި މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.