ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މޯލްޑިސްވް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓާޒްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށާއި އިޞްލާހުކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާއަކީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭންޖެހޭ މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމައްޓަކައި ކުރަންޖެހޭ ކަންކަންކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.