އަސްކޮއި ޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ދާން އުޅުނު ފަރާތްތަކަށް ވަގު ޓިކެޓް ގަތް މައްސަލައިގައި ހައްޔަރުކުރި މީހާގެ ތަހުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ މިހާތަނަށް ތަހީގީގުކޮށް ބެލި ބެލުމުން، އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓު ގަތުމަށް، ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ފައިސާ ހަވާލުކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އަދި އެ ފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޑީބީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެ ކުންފުނީގައި މަސައްކަތް ކުރާ ފަރާތަކުން ސައްހަ ނޫން 168 ޓިކެޓު ދޫކޮށްފައިވާކަންވެސް އެނގިފައިވާ ކަމަށެވެ.
އެގޮތުން ވަގު ޓިކެޓުތައް ވިއްކި ކަމަށް ތުހުމަތު ކުރެވޭ ފަރާތް ރާއްޖެއިން ބޭރަށް ފުރުމަށް ސ.ގަން އެއާޕޯޓަށް ގޮސް ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.