ޕެޑާއި ޓެމްޕޮން ފަދަ އަންހެނުންނަށް ހާއްސަ ބާވަތްތަކުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ހުށަހަޅާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲއެވެ.
މި ބާވަތްތަކުން ޓެކްސް ނަގަން އުވާލުމަށް ހުށައަޅާފައިވާއިރު އެއީ ރައީސް އިބްރާހިމް ސޯލިހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައިވެސް ވަނީ އަންހެނުން ބޭނުންކުރާ ޕެޑް އިން ނަގާ ޖީއެސްޓީ ނެގުން ހުއްޓާލުން ހިމަނާފައެވެ. އެ މެނިފެސްޓޯގައި ވާގޮތުން އަންހެނުންނަށް ބޭނުންވާ ޕެޑް އަދި ޓެންޕެކްސް ފަދަ ޒަރޫރީ ބާއްވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެއެވެ.
ޕެޑުން މިހާރު ހަ ޕަސެންޓުގެ ޖީއެސްޓީއެއް ނަގައެވެ.
ޕެޑުން ޖީއެސްޓީ ނަގާތީ މީގެ ކުރިން އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން އޮންލައިން ޕެޓިޝަނެއް ވެސް ވަނީ ހަދާފައެވެ. މި ޕެޓިޝަނުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.