އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ފަރާތުން ފެނިގެންދާ އެއްބާރުލުމާއި މަޝްވަރާގެ ބަދަހި ގުޅުމުގެ ސަބަބުން ހިތްވަރު އާވެގެން ގޮސްފައިވާ ކަމަށާއި، މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ އާ ޒަމާނެއްގެ ފެށުން ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރާ ސުޝްމާ ސްވަރާޖާއި އެކު ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ ހާރިޖިއްޔާ އާއި އެކު ބޭއްވުނު މަޝްވަރާތައް ކުރިއަށްދިޔަ ގޮތާއިމެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އެ މަޝްވަރާތަކުން ހިތްވަރު ލިބިގެން ދިޔަކަމަށެވެ.
Deeply touched and encouraged by the warmth and generous spirit of discussions with External Affairs Minister @SushmaSwaraj. A new era of enhanced cooperation emerging in #Maldives-#India relationship under President Ibrahim Mohamed Solih. pic.twitter.com/4zVadxxG89
— Abdulla Shahid (@abdulla_shahid) November 26, 2018
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ޒައާމަތުގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދިނުމުގެ ފާގަތި އައު ޒަމާނެއް ފެށިގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކޮށްފައިވާއިރު، ހުރިހާ ދާއިރާއަކުންވެސް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، އަދި ޚާއްސަކޮށް އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ.