ބޭރުގެ ފަރާތްތަކަށް ރާއްްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިފާއު ވެސް ވޯޓު ދެއްވި، އެ އިސްލާހު މަޖިލީހުން ފާސްވީ 70 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރުން ހުށަހެޅި އެ އިސްލާހު ފާސް ކުރުމަށް އެމްޑީޕީ އާއި ޖޭޕީން ވެސް ވޯޓު ދީފައިވެއެވެ.
ގާނޫނުއަސާސީއަށް ގެނެސްފައިވާ އެ އިސްލާހު ބާތިލު ކުރުމަށް ރިފާއު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ. ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިއުން އިއްވުމުން ދެން އޮންނަ ޖަލްސާއެއްގައި އެ ބިލުގެ ބަހުސް ފަށާނެއެވެ.
ރިފާއު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް، ނުދެވޭނެ ކަމަށެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިފާއު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ހާލަތެއްގައި ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާރު އަޅައި އެންމެ ބޮޑަށް ވާހަކަ ދައްކާފައިވަނީ ޕީޕީއެމްގެ ސަރުކާރުންނެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގާނޫނުތަކަށް ޕީޕީއެމުން ގެނެސްފައިވާ ބަދަލުތައް އެ ޕާޓީގެ މަޖިލިސް މެމްބަރުން އަލުން ބަދަލު ކުރަން މަސައްކަތް ކުރަމުންދާތީ، ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.