ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތަކާއި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައިވާ ކަންކަން ޙާސިލުކުރުމަށް ކުރައްވަންޖެހޭ ކަންކަމާބެހޭ މަޢުލޫމާތު، ވަޒީރުންނަށް އަރުވައިފިއެވެ.
މިކަމަށްޓަކައި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުޞޫލުތަކާއި، ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކާއި، ވަޒީރުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވަޒީރުންނަށް މަޢުލޫމާތު އެރުވުނެވެ.
މީގެއިތުރުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ. އަދި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ވީހާވެސް އަވަހަށް ފެއްޓެވުމާއި، އެކަމެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް އެކަމެއް ނިންމެވުމާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.