ދ. ރިނބުދޫ ކައުންސިލުން އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެން ރަޝީދާއި ބައްދަލު ކުރައްވައިފިއެވެ.
ދ. ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ އާދިއްދުވަހުގެރޭ ރިނބުދޫ ކައުންސިލުން އެންވާރަމެންޓް މިނިސްޓަރާއި ބައްދަލުކޮށްފައި ވަނީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ.
ހާތިމް ވިދާޅުވީ ދ. ރިނބުދޫ ކުނިކޮށި ސަރަހައްދުގައި ހުރި ރުއްގަސްތަށް ކައުންސިލުން ގަވާއިދާއި ޚިލާފަށް ކަނޑާފައިވާކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކައުންސިލް ދެލައްކައަށްވުރެ ގިނަ ރުފިޔާއިން ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި ހުރިހާ ރުއްގަހެއްވެސް ކަނޑާފައިވާނީ އެންވާރަމެންޓް މިނިސްޓްރީ އާއި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ ހުއްދަ އާއި އެއްގޮތައް ކަމަށް ހާތިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިސްޓަރާ ބައްދަލުކުރި މައިގަނޑު ބޭނުމަކީ އެކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
ހާތިމް ވިދާޅުވީ މި ވާހަކަތައް ހިއްސާ ކުރުމުން، މި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން ރަށުގެ އާންމު ހާލަތު އައްސަވައި، ރަށުގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތައްވެސް މިނިސްޓަރ އޮޅުން ފިލުއްވި ކަމަށް ހާތިމް ވިދާޅުވިއެވެ.
ހާތިމް ވިދާޅުވީ އެންވާރަމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ބޭފުޅުން ރިނބުދުއަށް ވަޑައިގެންފައިވަނީވެސް ކައުންސިލް ޖުރިމަނާ ކުރުމަށްފަހު ކަމަށެވެ. މިހާރު މައްސަލަ ކޯޓްގައި އެޕީލް ކޮށްފައިވާކަން ހާމަ ކުރައްވާ ހާތިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކައުންސިލުން ރަށުގެ ރައްޔިތުންނަށް ކޮށްދީފައިވާ ކޮންމެ ކަމެއްވެސް ކޮށްފައިވާނީ ވަރަށް ބޮޑަތި އުނދަގޫތަކާއި ދަތިތައް ގިރާކުރުމަށްފަހު ކަމަށެވެ.
އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ސަރުކާރުން ރިނބުދޫގެ ކައުންސިލަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވާކަން ހާތިމް ފާހަގަ ކުރެއްވިއެވެ.
ދ. އަތޮޅު ރިނބުދޫ އަކީ 573 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ކޮންސްޓަރކްޝަން ދާއިރާގެ މަސައްކަތްތަކެވެ. އަދި މިރަށަކީ ރަންރިހީގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ރަށެކެވެ.