ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ނު ޙައްޤުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު މިނިވަންވެވަޑައިގެންފިއެވެ.
ނަޝީދު ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތީ މީގެ ކުޑައިރުކޮޅެއް ކުރިން، ސުޕްރީމް ކޯޓުގައި އޮތް, އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ މަޖްލީހުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރެއްވުމުންެނެވެ.
ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އެ މައްސަލަ އެ ކޯޓުގައި ބައްލަވާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި ބަހައްޓާފައި ހުރި ކަމަށްބުނާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށްގެންނެވެ.
ހަވާ ފަޓާސް ބަރިއެއް ހެން ކުރިއަށް ގެންގޮސް ނިންމާލި ޝަރީއަތްތައް، ދައުލަތުން ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން އޭރު ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެ އަށް، ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ އިރާކޮޅު ސިފަ އިން ވަދެ އޭނާ ހައްޔަރުކޮށް ގަދަކަމުން ގިރިފުއްޓަށް ގެންގޮސް ފޮރުވި ކަމަށް ބުނެ، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކްރިމިނިލް ކޯޓުން ހުކުމް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު މާޗް 13، 2015 ގައެވެ.
ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ފަހު އެވެ.
ނަޝީދުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން ދައުލަތުގެ ތަންފީޒީ އިދާރާތަކަށް އަމުރު ކޮށްފައި ވަނީ، އެ މައްސަލަ ވަކި ގޮތެއް ނިންމަން ދެން، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއް ވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާ އެއް ކަމަށެވެ. އަދި އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުން، ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ރަހީނު ކުރުމުގެ ގޮތުގައި ނު ބެލެވޭނެ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފުލުހުންގެ ޒިންމާތަކާއި މަސައްކަތަށް މަގާމުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަބްދުﷲ ގާޒީ ގެންދެވި ކަމަށް އޭރު ފުލުހުން ބުނެފައި ވާކަން ފާހަގަކޮށްފައި ވެއެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ސިފައިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ހުކުމުގައި ވެއެވެ. އެގޮތުން ގާޒީއަކު ހައްޔަރުކުރާނަމަ އެ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރެއް ބޭނުންވާނެ ކަމަށާއި އެ އިޖުރާއަތު އެ މައްސަލާގައި ފުރިހަމަ ކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ އެ އަމަލަކީ ސިފައިން ހިންގާފައިވާ ބާތިލް އަމަލެއް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. ނަމަވެސް އެއީ ޓެރަރިޒަމްގެ ކުށަކަށް ވާނެ ހަމަ އެއް ނެތް ކަމަށް ވެސް ހުކުމްގައި ބަޔާންކުރި އެވެ.
ހުކުމްގައި ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ ސައްހަ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި މައްސަލަ ސާބިތު ކުރަން ގާނޫނީ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ދައުވާ އުފުލީ ވެސް ބާތިލު އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލު ކަމެއް ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނި ގޮތުގައި، ނަޝީދުގެ މައްޗަށް ޕީޖީން ދައުވާ ކުރި އިރު، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމައެއް ނޫނެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި ކަން އެނގެން އޮތަސް، އެއީ ކިޑްނެޕް ކުރުމުގެ ނުވަތަ ރަހީނު ކުރުމުގެ އަމަލެއް ނޫން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ދައުުވާ އެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަކީ ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.