އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން، ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އަންގާރަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކުރުމަށް ނިންމާފައިވާ ކަމަށާއި ބަޖެޓަށް އިތުރު އިސްލާހެއް ހުށަހަޅަން ބޭނުން ނަމަ، ހޯމަ ދުވަހުގެ 18:00 ގެ ކުރިން އެ އިސްލާހެއް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، އެ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލުތަކާ އެކު މިހާރު ބަޖެޓުގެ ޖުމްލަ އަދަދަކީ 30،251،742،542 ރުފިޔާ (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއެވެ.