އަންނަ އަހަރުގެ މަރޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީއަށް މެމްބަރުން އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަން ހަސަން ލަތީފް ވިދާޅުވީ މުސްތަފާ އެޕާޓީއާ ގުޅިވަޑައިގަތުމުން އެ ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެ ޕާޓީ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް އެމްޑީޕީން ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުރިމަތިލާން މިދަނީ 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ، އެ އިންތިހާބަށް ކުރިމަތިލާއިރު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަކީ. ޕާޓީގެ ރައީސް، ރައީސް ނަޝީދު ފާހަގަކުރެއްވި ފަދަ އިން އަޅުގަނޑުމެންގެ ޕާޓީ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަބަދު ވެސް އަޅުގަނޑުމެން ކުރޭ" ހަސަން ލަތީފް ވިދާޅުވިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވެސް ވަނީ މި މަހުގެ 20 ވަނަ ދުވަހު އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.
އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ އެ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފައްޓާފައެވެ. ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން އަދި ކޯލިޝަނުން ގޮތެއް ނިންމާފަ އެއް ނުވެއެވެ. ކޯލިޝަން ޕާޓްނަރުން ގޮނޑިތައް ބަހައިގެން ވާދަކުރުމުގެ ވާހަކަ ކުރިން ދެކެވިފައިވީ ނަމަވެސް، މިހާރު ދާއިރާތަކަށް ޕާޓީތަކުން ވަކިން ވާދަކުރުމުގެ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ.