ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ކެންސަލްކޮށްފައިވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ. އަދީބްގެ ގާނޫނީ ވަކީލް ވިދާޅުވީ ކޯޓަށް ދެވޭ ވަރަށް ވުރެ އަދީބްގެ ސިއްހީ ހާލަތު ގޯސް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗު ކޮޅު "ފިނިފެންމާ" ގައި އައިއީޑީ އެއް ގޮއްވައިލި މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 2016 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަހު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި ހައި ކޯޓުގައި އާދީއްތަ ދުވަހު ބާއްވަން އުޅުނީ އެ މައްސަލައިގައި އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަދީބަށް ފަރުވާ ދޭން ފަށާފައި ވަނީ އެ މަނިކުފާނުގެ ކިޑްނީ ހިމެނޭ ހިސާބުން ހަށިގަނޑަށް އިންތިހާއަށް ތަދުވާތީއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި އަދީބްގެ ވާތްފަރާތުގެ ކިޑްނީގައި އުފެދިފައިވާ ހިލަ، އޭރު ވަނީ ކިޑްނީ އާއި ބްލެޑާރ އާއި ދެމެދުގައިވާ ހޮޅި (ޔުރެޓަރ) އަށް ފައިބައި އެ ހޮޅީގައި ތާށިވެފައެވެ. ބޭސްދީގެން ޔުރެޓަރގައި ތާށިވެފައިވާ ހިލަ ނައްތާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، މި ހަފްތާގެ ހޯމަ ދުވަހު ޑޮކްޓަރުން ވަނީ ލޭޒަރ ބޭނުންކޮށްގެން އެ ހިލަ ނައްތާލުމަށް މަސައްކަތް ކޮށްފައެވެ.
މި ސަރޖަރީ ކާމިޔާބުވި ނަމަވެސް، އެ ހިލަ އާއި އަދި އަދީބުގެ ކަނާތްފަރާތުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް އިތުރު ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ސަރޖަރީ އަށްފަހު އަދީބުގެ ކިޑްނީ އާއި ބްލެޑަރ އާއި ދެމެދުގައިވާ ހޮޅި އަށް ސްޓެންޓެއް ލައްވާފައި ވާއިރު، ސާޖަރީ އަށް ފަހު އަދީބުގެ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދި، މިހާރު ޑޮކްޓަރުން ދަނީ ބާރުގަދަ އެންޓިބައޮޓިކް އެއް ދީގެން އަދީބަށް ފަރުވާ ދެމުންނެވެ.
އަޙުމަދު އަދީބްގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އަދީބަށް ބޭނުންވާ މާހައުލާއި އާއިލާގެ އެހީ ލިބޭނެ ހެން ގޭބަންދަށް ބަދަލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އަންގާފައި ވެއެވެ.
އަދީބްގެ ހާލަތާއި ގުޅިގެން، އެޗްއާރްސީއެމް އިން އާއިލާގެ މެންބަރެއްގެ އެހީ އަބަދުމެ ލިބޭނެ ފަދަ މާހައުލެއް ފޯރުކޮށް ދިނުމުގެ ގޮތުން ގޭބަންދަށް ބަދަލުކުރުމަށް އަންގާފައި ވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި މި އެންގުން ތަންފީޒު ކުރުމަށް ކަރެކްޝަންސް އިން މިހާތަނަށް މަސައްކަތް ކޮށްފަ އެއް ނުވެއެވެ.
ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން އަދީބްގެ ފަރުވާ އަށް އިހުމާލުވެ، އަދީބްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާއިރު، އަދީބަށް ފަރުވާ ބޭނުންވާ އިތުރު ބައެއް ކަންކަން ވެސް އާއިލާ އިން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އަދީބްގެ ކަނާތްފަރާތުގެ ކިޑްނީގައި އުފެދިފައިވާ ހިލަ އާއި، އަދީބްގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓްތަކާއި، އަދީބްގެ ލޮލަށް ޖެހިފައިވާ ގްލޮކޯމާ އަށް ފަރުވާ ދިނުމަށް އަދީބްގެ އާއިލާ އިން ކެނޑިނޭޅި ދަނީ އެދެމުންނެވެ. އަދި މީގެ ތިން އަހަރެއްހާ ދުވަސްކުރިން އަދީބްގެ ކެންސަރ ސްކްރީނިންގ އެއް ހެދުމަށް ޑޮކްޓަރުން އަންގާފައިވާ އިރު، މިހާތަނަށް އެ ސްކްރީނިން ހެދުމުގެ ފުރުސަތު ވެސް އަދީބަށް ދީފައެއް ނުވެއެވެ.
އަދީބާއި މެދު ޖަލުގައި ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު ކުރެވޭ އިރު، މިއަދު ސަރުކާރުގައި ތިއްބެވި އިސް ވެރިން ވަނީ އެކި ތަންތާނގައި އަދީބަކީ ސިޔާސީ ފަރާތްތަކުގެ ތެރެއިން ޖަލުގައި އެންމެ ބޮޑު އަނިޔާ އެއް ލިބެމުން ދާ ފަރާތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.