ރަޖްނީ ކާންތް އާއި އަކްޝޭ ކުމާރު ކުޅެފައިވާ ސައިންސް ފިކްޝަން ފިލްމު 2.0 ރިލީޒް ކުރުމުގެ ކުރިން އެ ފިލްމަށް 370 ކުރޯރް ރުޕީސް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. އެގޮތުން ފިލްމުގެ ސެޓެލައިޓް ރައިޓްސްގެ ގޮތުގައި 120 ކުރޯރް އަދި ޑިޖިޓަލް ރައިޓްސްގެ ގޮތުގައި 60 ކުރޯރް ވިކިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހިންދީ، ޓެމިލް އަދީ ޓެލުގޫ ބަހުން އުފައްދާފައިވާ މި ފިލްމުގެ80 ކުރޯރް ނޯތް ބެލްޓް ރައިޓްގެ ގޮތުގައި ވަނީ ވިކިފައިއެވެ. ބަކީ 110 ކުރޯޑް ޑިސްޓްރިބިއުޝަން ރައިޓްސްގެ ގޮތުގައި ވިކިފައިވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރެއެވެ.
ފިލްމުގެ ބަޖެޓް އިން ބާކީ ހުރި 130 ކުރޯޑް ރުޕީސް ރިލީޒް ކުރާތާ ފުރަތަމަ ހަފްތާތެރޭގައި ފިލްމު ރަގަޅަށް ހިނގައިފިނަމަ ލިބުން އެކަށީގެންވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރެއެވެ.
2.0 ފިލްމަކީ 2010 ވަނަ އަހަރު ރަޖްނީކަންތް އާއި އައިޝްވާރިޔާ ކުޅެފައިވާ ފިލްމު، އެންތިރަން އާއި ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. އެންތިރަން ގައި ރަޖްނީކާންތު ދެ ރޯލެއްގައި ފެނިގެން ދިޔައެވެ. އޭގެ ތެރެއިން އެއް ރޯލްގައި އޭނާ ފެނިގެން ދަނީ ޕްރޮފެސަރެއްގެ ރޯލުންނެވެ. ދެވަނަ ރޯލަކަށް އޭނާ ފެނިގެން ދިޔާއި ޗިއްޓީ ކިޔާ ނުބައި ރޮބެއްޓެއްގެ ކެރެކްޓާއިންނެވެ. އައިޝްވަރިޔާ ކުޅެފައިވަނީ ރަޖްނީކާންތްގެ ލޯބިވެރިޔާގެ ރޯލެވެ. ފިލްމު 2.0 ގައި އަކްޝޭ ކުމާރު ފެނިގެންދާނީ ނުބައި ޕޮރެފެސަރެއް ކަމަށްވާ ޑރ. ރިޗާޑްސްގެ ރޯލުންނެވެ.
މި ފިލްމު އިންޑިއާގެ 6،800 ސިނަމާގެ އިތުރުން ދުނިޔޭގޭ 10،000 ސިނަމާގައި ގައި އަޅުވަން ހަމަޖެހިފައިވާ ކަމަށް ފިލްމު އުފެއްދި ފަރާތާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 29 ވަނަ ދުވަހުއެވެ.