ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިސްނަގައިގެން ބޭއްވި ލާމަރުކަޒު ކުރުމާބެހޭ މަހާސިންތާ ނިންމާލައިފިއެވެ.
މި މަހާސިންތާގައި ރާއްޖޭގެ ދިހަ އަތޮޅަކަށް ނިސްބަތްވާ ކައުންސިލްތަކުގެ މެންބަރުންނާއި ލާމަރުކަޒީ ދާއިރާގެ ފުންނާބު އުސް ފަންނީ ބޭފުޅުން ބައިވެރިވެފައިވެއެވެ. މަހާސިންތާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނު މައުލޫތަކުގެ ތެރޭގައި ހިމެނެނީ ލާމަރުކަޒު ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާއި، ނިޒާމުގެ މައްސަލަތަކާއި، ދުވަހުން ދުވަހަށް ހިންގުމަށް ހުރި ހުރަސްތަކާއި އަދި ފައިސާ ހޯދުމުގައި ހުރި އުނދަގޫތަކާއި ބެހޭ ގޮތުންނެވެ.
މަހާސިންތާގެ ބައިވެރިން ވަނީ ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް ދައުލަތަށް ގޮވާލާ ގަރާރެއްވެސް ފާސްކޮށްފައެވެ. މި ގަރާރުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަށްރަށުގެ ތަރައްގީ އާއި ލާމަރުކަޒު ކުރަން ހުރި ހުރަސްތައް ނައްތާލަން މަހާސިންތާގެ ބައިވެރިން އިއްތިފާގުވާ ކަންކަމެވެ.
ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާސިންތާގެ ބައިވެރިން ވިދާޅުވީ ލާމަރުކަޒު ނިޒާމް ހިންގަން މިވަގުތު ހުރި އެންމެ ބޮޑު ހުރަހަކީ މާލީ ގޮންޖެހުންތައް ކަމަށެވެ. އޭގެ އިތުރުން ބާރުތައް ހިފެހެއްޓިފައި އޮތުމާއި މުވައްޒިފުންނާއި ކައުންސިލަރުން ތަމްރީން ކުރުމުގައި ހުރި ދަތިތަކަކީވެސް ފާހަގަ ކުރެވޭ ކަންކަން ކަމުގައި ވަނީ ފާހަގަކޮށްފައެވެ. މަހާސިންތާގެ ބައިވެރިން ވަނީ ފާއިތުވެ ދިޔަ ފަސް އަހަރު ދިޔައީ ބާރުތައް ސަރުކާރުގެ މުށު ތެރެއަށް ލެވިގެން ކަމަށާއި، އުއްމީދަކީ މި ސަރުކާރުން ވެފައި އޮތް ލާމަރުކަޒު ކުރުމުގެ ވައުދު ފުއްދަވައި ދެއްވުން ކަމަށް ބުނެފައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މި މަހާސިންތާއަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި މަހާސިންތާ މިއަށް ވުރެންވެސް ގިނަ ބައިވެރިންނާއި އެކީ މިއަށް ވުރެންވެސް ފުރިހަމަކޮށް ބާއްވަން ގަސްތުކުރާ ކަމަށެވެ.