ޝަރުޢީ ކޯޓުތަކުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކެއް ކަމަށް ބުނެ، ޤާނޫނުގެ ނަން ބޭނުން ކޮށްގެން ރައްޔިތުން ބިރުގެންނެވުމަށް ޝަރުޢީ ދާއިރާއިން ދެމުންދާ އިންޒާރުތައް ވަގުތުން ހުއްޓާލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ގޮވާލައްވައިފި އެވެ.
ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާތްވެގެންވާ މިސްކިތް ތަކަށްވުރެ ހުރުމަތްތެރި، މުގައްދަސް ތަންތަނުގެ ގޮތުގައި ރާއްޖޭގެ ކޯޓުތައް ސިފަ ކުރަން ކުރާ މަސައްކަތަކީ، މިއަދު ޝަރުޢީ ދާއިރާ އޮތް ހާލަތަށް ބަލާއިރު ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށެވެ.
މަޚުލޫފް ވިދާޅުވީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރަފްކޮށް، އާ ޤާނޫނު އަސާސީގެ ދަށުން ތިން ބާރު ވަކިކޮށް، އެތައް ޙައްގުތަކެއް ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާއިރު، ޝަރުޢީ ދާއިރާގައި ހުރި "ދެއުޅިއެއް ނުވާ، ދޯހަޅި" ކަންތައްތަކަށާއި އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ޙުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ ކަމަށެވެ.
ގާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލު ހަޖަމު ނުކުރެއްވޭ ފަނޑިޔާރުން މަގާމުން އިސްތިޢުފާ ދެއްވުމަށް މަޚުލޫފް ގޮވާލެއްވި އެވެ. މަޚުލޫފް ވިދާޅުވީ ހުޅުވާލެވިފައި މިވާ ދުނިޔޭގެ އޮޔާ ވަޔާއެކު ދަތުރު ނުކުރެއްވޭނެ ނަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުފޫ ހަމަވޭތޯ އަމިއްލަ ފުޅަށް ސުވާލުކުރެއްވުން ރަނގަޅުވާނެ ކަމަށެވެ.
މީގެއިތުރުން މަޚުލޫފް ވަނީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އޭނާގެ މައްޗަށް އިއްވި 6 މަސް ދުވަހުގެ ޖަލު ހުކުމް، ހައިކޯޓްގައި އިސްތިއުނާފް ކުރިތާ ފަސް މަސް ފާއިތުވެ، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ހުކުމް ތަންފީޒުކޮށް ނިމުނު އިރުވެސް އެންމެ އަޑު އެހުމެއް ވެސް ބާއްވާފައި ނުވާކަން ފާހަގަ ކުރައްވާފަ އެވެ.
މަޚުލޫފް ވަނީ އެފަދައިން ކަންތައްތައް ކުރާއިރު ވެސް ހަމަ އަނގަ ބަންދުކޮށްގެން ހުންނަންވީތޯ ސުވާލު ކުރައްވާފަ އެވެ. މަޚުލޫފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަކަށް އދ. އާއި މުޅި ދުނިޔެ ހީ، މަލާމަތް ކުރަމުން ދާއިރު ވެސް ދިވެހިން ހަމަ ހަނު ތިބެންވީތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
މަޚުލޫފް ވަނީ ބައެއް ފަނޑިޔާރުން ފާޅުގައި ރިޝްވަތު ނަގާ ވާހަކަ ރަށުތެރޭ އެއް އަޑަކުން ގޮވަމުން ދާއިރު ހަމަ ޗުއްޕުވެސް ނުބުނެ ތިބެންވީ ތޯ އާއި ސަރުކާރުގެ އޯޑަރަށް ސިޔާސީ ފަރާތްތަކަށް ޙުކުމްތައް އިއްވަމުން ދާއިރު ރައްޔިތުން ޚިޔާލުފާޅު ނުކޮށް ހަމަ ތިބެންވީތޯ ސުވާލު ކުރައްވާފަ އެވެ. ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަޙްމަދު އަޝްރަފް(ޝުމްބާ ގޮންގް) ޙުކުމަކާ ނުލާ އެއް އަހަރު ޖަލުގައި ފާއިތު ވަމުން ދާއިރު އެއީ ނުވާ ކަމެއް ކަމަށް ދެކިގެން ތިބެންވީ ތޯ ވެސް މަޚުލޫފް ސުވާލު ކުރައްވާފައިވެ އެވެ.
މަޚުލޫފް ވިދާޅުވީ ހަގީގަތުގައި ނިޒާމީ ގޮތެއްގައި އެންމެ މީހަކަށް އަނިޔާ ދިނަސް އޭގެ މާނައަކީ އެ އަނިޔާގެ ބިރު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮތްކަން ކަމަށެެވެ. މި ގައުމަކީ ވަކި ބައެއްގެ ތަރިކަ މުދާ ކަމަށް ދެކި، ވަގުތީ ގޮތުން ލިބިފައިވާ ބާރުތަކެއްގެ ބޭނުން ނުހަމަ ގޮތުގައި ހިފަން ރައްޔިތުން ބިރު ގެންނެވުމަށް ޖަހާ މަޅިފަތިތަކަށް ކިޔަމަންވެ ބޯލަނބާ ވަރަށް ވުރެ ރައްޔިތުންގެ ލޯތައް ހުޅުވިފައިވާ ކަމަށް މަޚުލޫފް ވިދާޅުވި އެވެ.
ކިތަންމެ ގޯހުން ދިޔައަސް، މާތް ﷲގެ ވާގިފުޅާއެކު މި އަނިޔާވެރި ވެރިކަން ނިމުމަށް އަހަރެއް، ދޮޅު އަހަރަކާ ގާތްވެފައިވާ ކަމަށް މަޚުލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމުން ބޭރުވެފައިވާ ފަރާތްތައް ޙައްގާ އިންސާފަށް ރުޖޫޢަވުމަށް މިހާރު މަސައްކަތް ފެށިޔަސް، މި ދޮޅު އަހަރަކީ ކިރިޔާ ފުދޭހާ މަދު ދުވަސް ކޮޅެއް ކަމަށެވެ.
ދިވެހި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތް ކުރިއަށް އޮތް ތަނުގައި ދުވަހެއް ދުވަހަކަށް ވަރުގަދަވެ ފުޅާވަމުން ގޮސް މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި އިންސާފު ގާއިމް ކުރެވޭނެ ކަމަށް މަޚުލޫފް ވިދާޅުވި އެވެ.
މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހުންނަވައިގެން މަޚުލޫފް ނެރުއްވި ބަޔާން ނިންމަވާލައްވާފައިވަނީ ޅެމަކުންނެވެ. އެ ޅެމުގައި ވަނީ:
"ފިޔަތައް ކޮށާ ކޮއްޓަށް ލިޔަސް
ދުލުގައި ހިފާ އަނބުރާ ލިޔަސް
ދިޔަޔަސް ފުރާނަ މި ހުރަގެއަށް
ފިޔަވަޅު ފަހަށް ނާޅާނަމޭ،
އިންސާފަކީ ގަދަބާރުކަން
ފައިސާގެ ދަޅައިން އެންގިޔަސް
އިންސާފު ނެތް ޤާނޫނަކަށް
ކިޔަމަންވެ ބޯލެނބުމެއް ނެތޭ"