ކުރީގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައިގެ ރިޕޯޓު ލިބުމުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރ ޑރ. އާސިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ރިޕޯޓް ތިން މެމްބަރުން އެކުލެވޭ ކޮމެޓީއަކުން އެމައްސަލަ ދިރާސާ ކުރުމަށްފަހު ބުރާސްފަތި ދުވަހު ލިބޭނެކަމަށެވެ. އަދި ރިޕޯޓް ލިބުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމިނިސްޓްރީގައި ވަޒީފާއަދާކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. އަދި އެ މިނިސްޓްރީގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 80 ޕަސެންޓު އަންހެނުން ހިމެނޭކަމަށް ވިދާޅުވިއެވެ. އެމިނިސްްޓްރީގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ނިންމަވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ތިން މެމްބަރުންގެ ކޮމެޓީއަކުން އެމައްސަލަ ދިރާސާ ކުރުމަށްފަހު މިއަދު އަޅުގަނޑަށް ފޮނުއްވާނެކަމަށް ވިދާޅުވެފައި އެބައޮތް. އެރިޕޯޓް ލިބުމަށްފަހު އެ ރިޕޯޓުގެ މައްޗަށް އެރިޕޯޓުގައި ވިދާޅުވެފައިވާ ހުރިހާ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން،" ޝާހިދު ވިދާޅުވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭން ބޭރަށް ކުރި ދަތުރެއްގައި އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ އަޑުތަކެއް ފުރަތަމަ ފެތުރިފައި ވަނީ ސޯޝަލް މީޑިއާގައެވެ.