ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާއިރު އެމަނިކުފާނާއިއެކު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޑައިގަންނަވާނެކަމަށެވެ.
މިދަތުރުފުޅުގައި އިންޑިއާ އަށް ކުރައްވާ ދަތުރުގައި ވިސާ މައްސަލަ އާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިދަތުރުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރާއި ޚާރިޖީ ވަޒީރާއި އަދިވެސް އެހެނިހެން އޮފިޝަލުންނާއި ބައްދަލުކޮށް ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތް އިތުރަށް ތަފްސީލުކޮށްދީ މިކަމުގައި މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް އަޅުގަނޑުމެން ހޯދާނަން. ދެގައުމުގެ ގުޅުން މިވަނީ އިންތިހާއަށް ދަށަށް ގޮސްފައި،" ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއަށް ދަތުރު ކުރުމުގައި ގިނަ ދަތިތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިމަތި ވެފައިވާކަމަށާއި އެދަތުރުތަކުގައި އެކަންތައްތަކަށް ވާހަކަ ދައްކާ އެކަންތައްތަކަށް ހައްލު ހޯދަވައި ދެއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ތިން މިނިސްޓަރުން އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު ޗައިނާ، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ބޭރުގައުމުތަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.