ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމަށް ސަރުކާރުގެ ވަޒީރުންގެ ޓީމެއް އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރިންވެސް ދިވެހި ޚާރިޖިއްޔާގައި މަސައްކަތް ކުރެއްވި ޝާހިދު ބައެއް މީޑިޢަތަކަށް ވިދާޅުވި ގޮތުގައި މިދަތުރުފުޅު ފައްޓަވާނީ އަވަށްޓެރި އިންޑިޔާ އިންނެވެ. އިންޑިޔާއަށް ފަހު މެދު އިރުމަތިން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ދަތުރުފުޅު ނިންމަވާލައްވާނީ ޗައިނާއަށް ވަޑައިގަތުމަށް ފަހަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވެފައިވަނީ ނިމިގެން ދިޔަ ސަރުކާރު ގޮސްފައިވަނީ ދައުލަތުގެ ޚަޒާނާ "ފޫދުށްވާލުމަށް ފަހު" ގައެވެ. އަދި ގައުމު ވަނީ އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި ބޭރުގެ އެހީތަކާ ނުލާ ދިވެހިންނަށް މި އަނދަވަޅުން ސަލާމަތް ނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލް ޖުމުހޫރިއްޔާގެ ފަރާތުން ބޭރަށް ކުރައްވާ މިދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްކޮށް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނިމިދިޔަ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ބޭރުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޖެހިލުން ވާވަރަށް ޤައުމުގެ ހާލަތު ދަށްވެފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުންވެސް ދިޔައީ ބުނަމުންނެވެ.