ބޭންކް އޮފް މޯލްޑިވްސްގެ. ވިލިނގިލީ ބްރާންޗް ފަޅާލައިގެން އެތަނުގައި ހުރި ފައިސާތައް ވަގައް ގެންދިޔައިރު އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް ކަމަށް ގއ. ވިލިގިލީ ކައުންސިލްގެ މެމްބަރު ހަބީބު ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ހަބީބު ހަސަން ވިދާޅުވީ މީގެ ކުރިން ބޭންކްގެ ސެކިއުރިޓީ ބަލަހައްޓަން ގާޑެއް ހުރިކަމުގައި ވިޔަސް މިހާރު ގާޑަކު ނުހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.
މީގެ އިތުރުން ފައިސާތައް ވަގަންނެގި ރޭ އެލާމް އެޅިއަޑު ނީވޭ ކަމަށާއި ނަމަވެސް އެތަނުގެ އެލާމް ސިސްޓަމަކީ ވަރަށް ވަރުގަދަ ސިސްޓަމެއްކަމަށެވެ.
އެލާމް ސިސްޓަމް ޓެސްޓު ކުރި އިރު ސިސްޓަމްގެ އަޑު ވަރަށް ގަދަ މުޅި ރަށަށް ކަހަލަ ގޮތަކަށް އަޑު އިވުނު. ވައްކަން ކުރިއިރު ޔަގީނުންވެސް އެލާމް ސިސްޓަމް ހަލާކެއްނުވޭ" ހަބީބު ހަސަން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ، ބޭންކު ފަޅައިލި މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގުގައި މިހާތަނަށް ވަނީ 11 މީހަކު ހައްޔަރުކޮށްފައިވާއިރު ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
އެ މައްސަލައިގައި އެއް އާއިލާއެއްގެ ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ. އަދި ސްރީލަންކާ މީހަކާއި ބަނގްލަދޭޝް މީހަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެއެވެ.