ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 20:47
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމަބަރު އީވާ އަބްދުﷲ
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމަބަރު އީވާ އަބްދުﷲ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގަވެސް ދެން ބޭއްވި އިންތިހާބުގަ ވެސް އެންމެ ގިނަ ގޮނޑި ނެގީ އެމްޑީޕީން، މިއަހަރުވެސް އެމްޑީޕީން ގިނަ ގޮނޑިތަކެއް ނަގާނެ ކަމަށް އީވާ ވިދާޅުވި
އިއްތިހާބުތަކަށް އަޅުގަނޑުމެން ތައްޔާރު، އިންތިހާބުތަކަކީ އަޅުގަނޑުމެންނަށް ފަރިތަ އެއްޗެއް

ވައްކަން ކުރުމަކީ ތޮބީއީ ކަމެކޭ ވިދާޅުވި ވެރިއެއްގެ ފަހަތްޕުޅުން ކުދިކުދި ވަގުންތަކެއް ނެރެންވެގެން ގާނޫނު ބަދަލު ކުރަން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 

އީވާ އެގޮތަށް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

 

އެބިލަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލެވޭނެ ޝަރުތުތައް ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. އެގޮތުން ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގާފައިވާ މީހުންނާއި ބޮޑެތި ޖަރީމާތަކައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކޮށްފައިވާ ފަރާތްތަކަށް ކުރިމަތި ލެވޭނެ އެވެ.

 

އެބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީން ފެކްޝަނަށް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އެއީ ގައުމީ މަސްލަހަތު އޮތް ކަމެއް ކަމަށް ނިންމައި އިންތިހާބު ފަސްކޮށްފައިވާއިރު، ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބު ފަސްކުރަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީން އޮތީ އިންތިޙާބަށް ފުރިހަމައަށް ތައްޔާރުވެފަ ކަމަށް އީވާ ވިދާޅުވި އެވެ.

 

"ވައްކަން ކުރުމަކީ ތޮބީއީ ކަމެކޭ ވިދާޅުވި ވެރިއެއްގެ ފަހަތްޕުޅުން ކުދިކުދި އިތުރު ވަގުންތަކެއް ނެރެންވެގެން ގާނޫނު ހަދަން ފެށީމާ އަޅުގަނޑުމެން ހަމަގައި ވެސް ހައިރާނެއް ނުވޭ،" އީވާ ވިދާޅުވި އެވެ.

 

އީވާ ވިދާޅުވީ މި ސަރުކާރުން އިންތިހާބަކަށް ތައްޔާރު ވަމުންދާކަން މިހާރު ފެންނަމުންދާ ކަމަށާއި އެކަން އެނގެނީ އިދިކޮޅު މެމްބަރުންނާއި ކެންޑިޑޭޓުން ހައްޔަރު ކުރަމުންދާތީ ކަމަށެވެ.

 

އީވާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަރިއަތޮޅު އުކުޅަހުން ފަސް އެކްޓިވިސްޓުންނާއި އެ އަތޮޅު ކައުންސިލްގެ ނާއިބު ރައީސާއެކު ދޫނިދޫއަށްލާފައި ވަނީ ސިހުރު ހަދަނިއްޔޭ ކިޔާފަ ކަމަށެވެ. އަދި 2011ގެ މައްސަލައެއް ނަގައިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ޝަރީއަތް ފަށާފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

 

"އެމްޑީޕީން ކެމްޕެއިން ކުރާ ގޮތަކީ ދޮރުންދޮރަށް ހިނގުން ކަމަށްވަންޏާ ރައީސް ޔާމީން ކުރައްވާ ކަމަކީ ދޮރުންދޮރަށް ހިނގައިގެން އިދިކޮޅު މީހުން ގެންގޮސް ދޫނިދޫ ދޮރުން އެތެރެކޮށްލަނީ. އެމްޑީޕީން މެނިފެސްޓޯއެއް ތައްޔާރު ކުރަނިއްޔޭ ބުނީމާ، ރައީސް ޔާމީން ކުރައްވާ ކަމަކީ އިދިކޮޅު މީހުންނަށް ދައުވާތައް ތައްޔާރުކޮށްލަނީ. އެމްޑީޕީން ޖަލްސާއެއް ބޭއްވީމާ، ރައީސް ޔާމީން ކުރައްވާ ކަމަކީ އިދިކޮޅު ލީޑަރުންނަށް ޝަރީއަތްތައް ފަށަނީ. އެމްޑީޕީން ކެމްޕެއިން ކުރާ ފޮތުގައި އޮންނަނީ ރައްޔިތުންނާ ނިކަންގާތުން ނިކުންނާށޭ ބުނެފަ އޮތީމާ، ރައީސް ޔާމީންގެ ކެމްޕެއިން އަތްމަތީ ފޮތުގަ އޮންނަނީ ޖަލަށްލާށޭ، ދައުވާ ކުރާށޭ، ޝަރީއަތް ކުރާށޭ، ހުކުމް ކުރާށޭ، ގާނޫނު ބަދަލު ކުރާށޭ. އެޒާތަށް އިންތިހާބަށް ތައްޔާރުވެ ވަޑައިގަންނަވާކަން އަޅުގަނޑުމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ. އެމްޑީޕީން ކުރިމަތީލާފައިވާ 600 އެއްހާ ކެނޑިޑޭޓުންނަށް ވެސް އެނގޭ މިބާވަތުގެ ވެރިކަމެއްގާ، ރައީސް ޔާމީނާ އިދިކޮޅަށް އިންތިހާބަށް ކުރިމަތިލުމަކީ ދޫނިދޫ ކުޑަގޮޅިއާ ކުރިމަތިލުންކަން. އެ 600 އެއްހާ ކެނޑިޑޭޓުންނަށްވެސް ވަރަށް ސާފު، އެމީހުން ތިބޭނީވެސް ތައްޔާރުވެގެން، އެއީ އެމްޑީޕީއަށް ވަރަށް ފަރިތަ ކަމެއް. އަޅުގަނޑުމެންގެ ކެނޑިޑޭޓުން އަދި ވޯޓްލާން ތިބި މީހުން ގެންގޮސް ޖަލަށްލާފަ ވޯޓް ލާން ނިކުންނަށް އެންގީމާ، އެކަންކަމަށްވެސް އަޅުގަނޑުމެން ފަރިތަ، އެފާޑަށް އަޅުގަނޑުމެންނާ ތޮޅެންފެށީމާ ހަގީގަތުގާ އަޅުގަނޑުމެން ހާހެއްނޫން، ބިރެއް ނޫން ގަންނަނީކީ، އަލުގަނޑުމެންނަށް ހީވަނީ އާނބަހީއޭ ގޮވާލާހެން. އަޅުގަނޑުމެންނަށް ލިބެނީ އާހިތްވަރެއް،" އީވާ ވިދާޅުވި އެވެ.

 

- ކޮމެންޓް