ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާގެ ފަރާތުން 2016 ވަނަ އަހަރު 7000 މުވައްޒަފުންގެ ސޮޔާއެކު "އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް" ޤާނޫނަކަށް ހަދައިދެއްވުމަށް އެދި ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އެކަމަށް އަޅާލާފައި ނުވާތީއާއި، އެ ޖަމިއްޔާއިން މި ބިލް އަލުން ހުށައަޅަން އެދިފައި ވާތީ ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު މިބިލް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ހުށައެޅުމުގެ ބޭނުމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޖަމިއްޔާތަކާއި ޓްރޭޑް ޔޫނިއަންތައް އުފެއްދުމާއި، އަދި އެ ޖަމިއްޔާތަކުގެ މެދުގައި ކަލެކްޓިވް ބާރގެއިނިންގ ސިސްޓަމެއް ޤާއިމުކުރުން ކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ހިއުމަން ޓްރެފިކިންގ ފަދަ ނުރަނގަޅު ކަންކަމުން ދިވެހިރާއްޖޭގެ އިޤްތިސާދާއި ވަޒީފާގެ ބާޒާރު ރައްކާތެރި ކުރުންވެސް މި ބިލުގެ މަޤުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއިން 2009 ގައި ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާ "އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން" އިން އެ ޖަމްއިއްޔާގެ އަސާސީ ކޮންވެންޝަން ތަކުން ލިބިދޭ ހައްޤުތައް ރައްޔިތުންނަށް ހޯދައިދޭނެ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރެއެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާކަންވެސް މި ބިލުގައި ފާހަގަކުރައްވާފައި ވެއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމާއި ބެހޭ ޤާނޫނީ ފުރިހަމަ އޮނިގަނޑެއް އަދިވެސް ރާއްޖޭގައި ޤާއިމް ކުރެވިފައިނުވާއިރު، މިފަދަ ޤާނޫނެއްގެ ސަބަބުން އެއޮނިގަނޑު ފުރިހަމަކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް އިންޑަސްޓްރީތަކުން ބުނެއެވެ.