ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ބަލިމީހުންގެ ހާލު ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަންނަވާފައި ވަނީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ރައީސް ސޯލިހް އައިޖީއެމްއެޗަށް ވަޑައިގެން އެތަނުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެމުންދާ މީހުންނާއި އެހެނިހެން ބަލިމީހުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވިއެވެ. އަދި ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވައި ހެޔޮ އެދިވަޑައިގަންނަވާފައެވެ.
އެމަނިކުފާނު އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ ގާތަށް ޒިޔާރަށް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވިތާ 3 ވަނަ ދުވަހުއެވެ.