ރާއްޖޭގައި އެންމެ ބޮޑެތި ކޮރަޕްޝަންތަކުގެ ތުހުމަތު ކުރެވެނީ ސިޔާސީ މީހުންނަށް ކަމަށާއި، މިފަދަ ސިޔާސީ މީހުން މަގާމުންނާއި، ޕާޓީން ދުރުކުރަންޖެހޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޓްރޭންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިޔުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އޮތް ކޮރަޕްޝަންގެ ވަބާއަށް ހައްލު ނުލިބިގެން މިއުޅެނީ މިގައުމުގެ ނިޒާމީ ބޮޑެތި މައްސަލަތައް ހުރެގެން ކަމަށެވެ.
އައިމަން ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ އެންމެ ބޮޑަށް އޮތީ މަތީ ގިންތިތަކުގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާ، ސިޔާސީ ފަރާތްތަކާއި، ބޮޑެތި ވިޔަފާރިވެރިންކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އައިމަން ވިދާޅުވީ މިހުރިހާ ފަރާތްތައް ގުޅިލާމެހިގެން ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، ވަކިން ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އައިމަން ވިދާޅުވީ ސިޔާސީ ގޮތުން ވިސްނުން ބަދަލުވި ނަމަވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންނާއި، އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ހެކިތައް ހުރި ފަރާތްތައް ސިޔާސީ ޕާޓީންނާއި، މަގާމުން އެއްކިބާކުރަންޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތަކުން ކޮރަޕްޝަން ހުއްޓުވަން ބޭނުންވާނަމަ އެއީ ކޯލިޝަނެއް ކަމުގައި ވިޔަސް ކޮރަޕްޝަންގައި ޖެހިފައިވާ ފަރާތެއްނަމަ އެމީހަކަށް ނޫނެކޭ ބުނަންޖެހޭކަން ފާހަގަކުރައްވައި އައިމަން ވިދާޅުވީ ސިޔާސީ ގޮތުން އެމީހަކު މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުން ބަރީއަވެފައިވާކަން ރައްޔިތުންނަށް ސާބިތުކޮށް ނުދެވެނީސް އެމީހަކު ބައިވެރިކޮށްގެން ނުވާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ސަގާފަތަށް ބަލާއިރު، ކޮންމެ ފަދަ އަމަލެއް ކޮށްފައި ހުރި ކަމުގައި ވިޔަސް ވަކި ކަހަލަ ސިޔާސީ މަންފާއަށްޓަކައި ޕާޓީ ބަދަލުވީމަ އެހަމަ އޯކޭ ކަމަކަށްވޭ. މިއީދެން މިހާރު އެންމެ ބޮޑަށް ދިވެހިރާއްޖޭގައި ދެކެވޭ އެއްވާހަކައަކީ ބޯވަތަށް އަރާ ވާހަކައާ، ކުލަތައް ބަދަލުވާ ވާހަކައާ، މިވާހަކަ މިދެކެވެނީ. އެހެން ނަމަވެސް އެއާއެކު އެބަ ދައްކަންޖެހޭ މިބޯވަތަކުގެ ފަސްބައި އޮތީ ކިހިނެތްތޯ. ކޮރަޕްޝަންގެ އަމަލުތައް ހިންގާފަ އެބައޮތްތޯ." އައިމަން ވިދާޅުވިއެވެ.
އައިމަން ވިދާޅުވީ ކޮރަޕްޝަން ހައްލު ކުރުމަށް ހަރުދަނާ މާލީ ބަޔާން ހާމަކުރުމުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށާއި، މަގާމަށް އައްޔަން ކޮށްފައިހުރި ފަރާތަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ އެމީހާ މަގާމުން ދުރުކުރުމާއި ނޫނީ މަސައްކަތުން ދުރުކުރަން ޖެހޭ ކަމަށެވެ. އަދި ކަޅު އަނދިރި ކޮޓަރިއެއްގައި ދައުލަތް ހިންގުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ޖަވާބުދާރީ ކުރުވޭނެ ހާލަތެއްގައި ދައުލަތުގެ ހުރިހާ ނިޒާމުތަކެއް އޮންނަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާ ލައްވާ ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލު ވިދާޅުވީ ރާއްޖޭގެ ގިނަ ފަހަރު ނަޒާހަތްތެރިކަމަށްވުރެ ބޮޑަށް އިސްކުރެވެނީ ޕާޓީގެ ކުރިއެރުން ކަމަށެވެ. ތޮލާލު ވިދާޅުވީ މިވިސްނުން ބަދަލު ކުރުމަށްފަހު ގައުމުގެ ކުރިއެރުމާއި، ތާހިރު ވެރިކަމެއް ހިންގުމަށް ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
"މިވޭތުދިޔަ ފަސް އަހަރަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ ޚާއްސަކޮށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނެވި، ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެވި ކޮރަޕްޝަނާއި ފަސާދައާއި ސިޔާސީ މައިދާނުގައި ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މިކަންކަން ވަރަށް ބޮޑަށް މުޖުތަމައުގެ ތެރޭގައި އަށަގެނެގެން ދިޔަ، ދުވަސްވަރެއް." ތޮލާލު ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ ކޮރަޕްޝަނަކީ މުޅި ގައުމަށް ކުރިމަތިވާ ވަބާއެއް ކަމަށާއި، އެއީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ މީހަކަށްވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާއިރު، ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ ފާރަތްތަކުން މިކަމުން ދުރުހެލިވެ، ޕާޓީތަކުން މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.