ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަން ދަތިވާގޮތަށް އިލެކްޝަން ކޮމިޝަނާއި، އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު މަސައްކަތް ކުރައްވާކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ތުހުމަތު ކުރައްވައިފިއެވެ.
ނިހާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުމަށް ހުރަސްއެޅުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަނާއި އެ ކޮމިޝަނުގެ ރައީސަށް ދަންނަވާ ކަމުގައެވެ.
Idhikolhu Siyaasee Party eh Rajjeygai otha nudhinumah @ElectionsMv aai E muassasaage raees @ShareefRangondi kurahvvamun gendhavaa massakaiy vaguthun vaguthah huttaalumah dhannavan.
— Ahmed Nihan (@ahmed_nihan) November 20, 2018
ނިހާނު އެފަދައިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިނުގަތް މައްސަލައިގައި، އެ ޕާޓީން އެ ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާ އިންސާފުވެރިކޮށް ނިމިގެންދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ ބެންޗު ބަދަލުކޮށްދޭން އެ ކޮމިޝަނުން ހައި ކޯޓުގައި އެދިފައިވަނިކޮށެވެ. މިކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރެވެނީތޯ ނިހާނު ވަނީ ސުވާލުއުފައްދާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭކަމަށް ވިދާޅުވެ ޓުވީޓްވެސް ކުރައްވާފަ އެވެ.