ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.
ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވަޒީރުންނަށް އެފަދައިން އިލްތިމާސްކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް އަދި ޚާއްޞަ ގޮތެއްގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ކަނޑައަޅުއްވާފައިވާ މަސައްކަތްތައް ވީއެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އޭގެއިތުރުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ޤަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދުވެސް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގައި ކެބިނެޓްގައި ހިިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.