ރާއްޖޭގައި އަމިއްލަ ފަރުދުން އިސްނަގައިގެން ކިޔަވައި ދިނުމުގެ މަސައްކަތް ކުރުމަކީ ހެޔޮ ފާލެއް ކަމަށް އައިޔޫއެމްގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޕީއެލް ކިޑްސްގެ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި ޑރ. ޒަކަރިއްޔާ ވިދާޅުވީ އަމިއްލަ ފަރުދުން ތައުލީމް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އަތުގައި ބައިވަރު ފައިސާތަކެއް ހުރެގެން ނޫކަމަށެވެ. ނަމަވެސް އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. އެހެންކަމުން އެކަމަކީ ގައުމުގެ ކުރިމަގަށް އެޅޭ ވަރަށް ހެޔޮ ފާލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ ކަމަކަށް ވެސް ބޭނުން ވަނީ ހިއްވަރާއި، ކެރުމާއި އެކު އިޚްލާސްތެރި ނިޔަތަކާއި އެކު މަސައްކަތް ކުރުންކަން ފަހަގަ ކުރައްވައި ޒަކަރިއްޔާ ވިދާލުވީ ރާއްޖެ އިން މިފަދަ އިޚްލާސްތެރި އެތައް މަސައްކަތް ތަކެއް ފެންނަމުން ދާކަމަށެވެ. އަދި އެކަމަކީ ވަރަށް އުފާވެރި މަންޒަރެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ތިޔަ ލޮބުވެތި ޓީޗަރުން ދެކެވަޑައިގަންނަވަންވީ ތިޔަ ބޭފުޅުންގެ އަތްޕުޅު މަތީގައިވާ ދަރިންނަކީ ތިޔަ ލޮބުވެތި ޓީޗަރުންގެ ދަރިންކަމުގަ. އެހެންކަމުން އޯގާތެރިކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ ތެރެއިން ދަރިވަރުންނަށް ރީތި ނަމޫނާ އެއް ދައްކައިފި ނަމަ އެއީ ހަގީގަތުގައި އަޅާލެވުނު ވަރަށް ވަރުގަދަ ބިންގަލަކަށް ވާނެ" ޑރ ޒަކަރިއްޔާ ވިދާޅުވިއެވެ
މީގެ އިތުރުން ޒަކަރިއްޔާ ވިދާޅުވީ ކިޔަވައި ދިނުމަކީ އޭގެ ޒާތުގައި އެހާ ލުއި ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި އެކަމަކު އެމަސައްކަތުގެ ބުރަކަން އެތައް ގުނަ އެއް ލުއިވެގެން ދަނީ ދަރިވަރުންގެ މައިން ބަފައިން އެ ދަރިވަރުންގެ ކިޔެވުމަށް ދޭ ސަމާލު ކަމުން ކަމަށެވެ. އަދި ކިޔަވައިދޭ މުއައްސަސާތަކަށް ދޭ އެހީތެރި ކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ހަމަ އެއާއި އެކު ކިޔަވައި ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ ލައްވާ ޓީޗަރުން ވެސް ލިބިވަޑައިގަންނަވާ މުސާރައަކަށް ވުރެން ބޮޑައް އިތުބާރާއި ހިތްހަމަ ޖެހުމާއި އެކު ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުމުގެ ބޭނުމުގައި މަސައްކަތް ކޮށްފިނަމަ ކުރިމަގު އުޖާލާ ވާނެ ކަމާއި މެދު ޝައްކު ނުކުރާކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.