ދިވެހި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ފައިސާ އަކީ އެމަނިކުފާނު އަމިއްލަފުޅަށް ރައްދު ކުރެއްވި ފައިސާ ކަމަށް ނު ދަންނަވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރައީސް ޔާމީން އެ ފައިސާ އޭސީސީ އަށް ރައްދު ކުރެއްވި ކަމަށެވެ. މުއައްވިޒު ވިދާޅުވީ އެ މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަ ގޮތް މުވައްވިޒު ވިދާޅެއް ނުވެއެވެ.
އޭނާ ވިދާޅުވީ އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެނައީ މިއީގެ "ތިން، ހަތަރު މަހެއްހާ ކުރިން،" އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގައި ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ފައިސާ ޔާމީންގެ ގެކޮޅަށް ވަން ކަމަށް އެމަނިކުފާނު އިއުތިރާފުވެ ވަޑައިގެންފައި ވަނިކޮށް، އޭސީސީގެ ތަހުގީގުން ވެސް ވަނީ އެކަން ސާބިތުވެފައެވެ.
އޭސީސީން ބުނީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާއި ސުވާލު ނުކުރެވޭ ކަމަށެވެ. ހިޔާނާތް ހިންގުމުގައި ބޮޑު ރޯލެއް އަދާކުރި އެސްއޯއެފް ކުންފުނީގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ފައިސާގެ މައްސަލަ އޮތީ ފައިލްކޮށްފައެވެ.