ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ނައިބް ރައީސް ފައިސަލް ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ޚާރިޖީ ގުޅުމާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި ސިންގަޕޫރުން މިހާތަނަށް ހޯދައިފައިވާ އިޖްތިމާއީ, އިގްތިސާދީ ކާމިޔާބީއަށް ނައިބް ރައީސް ފައިސަލް ތައުރީފުކުރައްވާފައިވާ ކަމަށާއި، ރާއްޖެ ވެސް އިޖްތިމާއީ އަދި އިގްތިސާދީ ރޮނގުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއެރުވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިކަމަށެވެ.
މީގެ އިތުރަށް ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރަކީ ދިވެހި ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަރަށް ގިނައިން ދިރިއުޅުއްވާ ގައުމަކަށްވާތީ އެބޭފުޅުންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދެގައުމަށް ކޮށްދެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ސަފީރު އެގައުމުން ވަރަށްގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ފުރުސަތު ހުޅުވިފައިވާކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގައި އިންވެސްޓްކުރާ އެންމެ ބޮޑު އިންވެސްޓަރުކަންވެސް ސަފީރު ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.