ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ހިނގާދިޔަ ގޮތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ލިބިވަޑައިގަންފައިވާ ބޭއިންސާފަށް ވަރަށް އަވަހަށް އިންސާފު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށްފަހު "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަކަށް އެމައްސަލައިގެ ހުކުމެއް ސުޕްރީމް ކޯޓުން ކުރެއްވުން ކަމަށެވެ.
ހޯމަ ދުވަހު އޮތް އަޑު އެހުމުގައި ހުކުމެއް ކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަތެވެ. އަދި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ޖިނާއީ ދައުވާއެއް ކޮށް ހުކުމެއް ކުރާނެ ކަމަށް ފަނޑިޔާރުން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން. އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް ވެސް އަރުވައިފައެއް ނުވާނެ. އެހެންވެ މި މައްސަލަ މިއަދު ނިންމަވައިދިނުމަށް އެދެން،" ޝަރީއަތުގެ މަޖިލީހުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި މިއަދު ހުކުމެއް އިއްވަން ދަތިވާނެ ކަމަށާއި ނަމަވެސް މިއީ އަވަސްމިނެއްގައި ނިންމަންޖެހޭ މައްސަލައެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާއާ ކުރެވުނު ހުކުމުގައި ހުރި ގޯސްކަންކަން ފާހަގަކުރެވުނު ކަމަށާއި އެކަމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށްވެސް އަދި ސުޕްރީމް ކޯޓަށްވެސް އެއްވެސް މައްސަލައެއް ހުށަހަޅުއްވާފައިވާ ނުވާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑު އިސްތިއުނާފު ކުރާކަށް ހައިކޯޓަކަށް މައްސަލައެއް ހުށަހަޅެއް ނާޅަން، އަދި އަޅުގަނޑު އިސްތިއުނާފަކަށް ސުޕްރީމް ކޯޓަކަށްވެސް މައްސަލައެއް ހުށައެއް ނާޅާނަން، މިއަދުގެ އަޑު އެހުމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ކުރީގެ ނިންމުންތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައި ހުރި ހުށަހެޅުންތަކާއި ކުރައްވާފައިވާ ދައުވާއެއް ކަމަށް، އެކަންކަމުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާ ތަކެކޭ، ހިންގުނު ޝަރީއަތް ގޯސް ކަމަކަށް ނޫން މި ދެކެވެނީކީއެއް، ކުރުވެނު ދައުވާ އެކަށީގެން ނުވާ ކަމަށް، އަދި އެހެންވީމާ އިއްވުނު ހުކުމް އެއީ ކަމާއި ނުގުޅޭ ހުކުމަކަށް ވެގެންމިދަނީ،" ނަޝީދު ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން ވިދާޅުވީ ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދޭން ހުށަހެޅީ، މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންޖެހޭ ކަމަށް ދައުލަތުގެ ފަރާތުން ގަބޫލު ކުރާތީ އެވެ.
މި މައްސަލައިގައި ނަޝީދުގެ ގާނޫނީ ވަކީލުން ފާހަގަ ކުރެއްވި ގާނޫނީ ނުކުތާތައް ސައްހަތޯ، ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭނީ އިތުރު ވަގުތު ލިބިގެން ކަމަށެވެ.
ދައުލަތުގެ ވަކީލުން އެގޮތަށް އެދުނު ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވުމަށެވެ. އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަރަށް އަވަހަށް ހުކުމް އިއްވާނެ ކަމަށެވެ.