ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ހިންގާ ޓީވީއެމްގެ ވީޑިއޯތަކެއް ޑިލީޓް ކުރި މައްސަލަ އެއް ބެލުމަށް ފުލުހުން އެތަނަށް ވަދެއްޖެއެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިލީޓް ކުރި ވީޑިއޯތަކުގައި ގިނައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ނަގާފައިވާ ވީޑިއޯ ތަކެކެވެ.
ޓީވީއެމްގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ ފުލުހުން ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުފަހު 2 ޖެހުމާ ހަމައަށް ނއިުސްރޫމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިލީޓް ކޮށްފައި ވަނީ ނިއުސް ރޫމްގެ ސިސްޓަމްތަކަކަށް އަޅާފައިވާ ވީޑިއޯ ތަކެއް ކަމަށާއި ޑިލީޓް ކޮށްފައި ހުރިކަން ނިއުސްރޫމްގެ އިސްވެރިން ޓީވީއެމްގެ ޓޮޕް މެނޭޖްމަންޓަށް އަންގާފައި ނުވާ ކަމަށެވެ. އަދި ޑިލީޓް ކޮށްފައިވާކަން އެނގުނީ ޚަބަރަށް ބޭނުންވާ ވީޑިއޯތަކެއް ނުފެނިގެން އުޅުމުގެ ތެރޭގައި ކަމަށާއި ފުލުހުންނަށް އެންގިކަމަށް ބެލެވެނީ ޓޮޕް މެނޭޖްމަންޓަށް ވުރެ ދަށް ލެވެލްއެއްގެ ބައެއް ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުސްރޫމުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކެއް ވަނީ ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަނޑާލާފައެވެ. އަދި އެގޮތަށް ކަންކޮށްފައި ވަނީ ސިޔާސީ ބޭފުޅުންތަކެއް ނިއުސްރޫމަށް ވަދެ ހަދާކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމަށް ޚާއްޞަ ކޮޓަރިކޮޅެއް ނިއުސްރޫމުގައި ހުރެއެވެ.
ނިއުސް ރޫމްގެ އިސްވެރިންގެ ގޮތުގައި ތިއްބަވަނީ ނިއުސް ޑައިރެކްޓަރ ފަޔާޒް ޔޫސުފާއި ޑެޕިއުޓީ ނިއުސް ޑައިރެކްޓަރ ހަސަން ޒިޔާއު އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފަ އެއް ނުވެއެވެ. އަދި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ޓީވީއެމްގެ ރަސްމީ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.