ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ބައިތަކަށް ފަރުވާދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ޤައުމީ ދާރުލްއާސާރުގައި ކަމަށާއި، އެ މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލަށާއި ވަކަރުތަކަށް ފަރުވާދޭން ޖެހޭނެ ކަމަށެވެ.
Roolhaali Kalhuvakaru Miskithuge baithah mihaaru huree National Museum gai. E Miskiyy alun reyvumuge kurin hirigalashaa vakarah faruvaa dheyn jehey. @HeritageMV pic.twitter.com/tyscGTTs1H
— Yumna Maumoon (@yumna_maumoon) November 19, 2018
ސަލްޓަން ޕާކުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިންޓަރ ޕާކެއް އަޅާފައިވާއިރު، ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނުވަނީ ވައުދުވެޑައިގެންފައެވެ.