ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އަލުން ރިވިއުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ރިވިއުއަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގެ އަޑުއެހުން އޮތީ މިއަދު ހެނދުނު 10:00 ގައެވެ. މިމައްސަލަ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އަލުން ބަލައި ނިމެންދެން، ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު އޮތް އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ މިއީ މައުޟޫއީ ގޮތުން މައްސަލަ ބަލައި ނިހާއީ ހުކުމެއް އިއްވާފައިވާ މައްސަލައެއް ނޫން ކަމަށެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު، މިހާރުގެ ވެސް ހުުންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް އޭރު ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމެއްގައި، ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކުރުމަށް އަމުރުކޮށްފައި ވެއެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ސުޕްރީމް ކޯޓުގައި ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލްކޮށްފައެވެ.
އޭގެ ފަހުން މިދިޔަ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އަނެއްކާ ވެސް ވަނީ ރައީސް ނަޝީދުގެ ހުކުމް ތަންފީޒުކުރުން މަޑު ޖައްސާލައި އެމަނިކުފާނު މިނިވަންކުރުމަށް އަމުރުކޮށްފައެވެ.
ހޯމަ ދުވަހު އޮތް އަޑު އެހުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށާއި އަޑުއެހުންތައް ނިމުނީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މައްސަލާގައި މިއަދުން މިއަދަށް ވެސް ހުކުމެއް ނެރެދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވި ކަމަށެވެ.
މިއީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް މޯޓަށް ހުށަހެޅި މައްސަލައަކަށްވާ އިރު ހޯމަ ދުވަހުގެ އަޑުއެހުމުގައި ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު ވިދާޅުވީ މައްސަލަ ރިވިއުކޮށްދިނުމަށް ޕީޖީ އޮފީހުން ހުށަހެޅީ މިމައްސަލަ ރިވިއުކޮށްދިނުމަށް ނަޝީދުގެ ފަރާތުން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔުމުގެ ސަބަބުން ކަމަށެވެ. އަދި އިންސާފާއި ދުރުން އިއްވިފައިވާ ޙުކުމެއް ކަމަށް ނަޝީދުގެ ފަރާތުން ތަކުރާރުކޮށް ފާހަގަކުރަމުން ދާތީ ހުރިހާ ފަރާތްތަކުގެ ޙައްޤުތައް ނެގެހެއްޓުމަކީ ޕީޖީގެ މަސްއޫލިއްޔަތަކަށް ވުމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ހިސާން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުކޮށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރި ހުކުމް ރިއުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި މައްސަލައިގައި ބުނާ ގޮތަށް މީހަކު ފޮރުވުމުގެ ގާނޫނީ އުންސުރުތައް ވެސް ހަމަނުވާކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި އޭރު ވެސް ސުޕްރީމް ކޯޓުން ހުކުމްތައް ނެރުނީ އެމްއެންޑީއެފްގެ މައްޗަށް ކަމަށާއި އަބްދުﷲ ގާޒީ މިނިވަންކުރުމަށް ނަޝީދުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ނުވާ ކަމަށެވެ.