ދިވެހިރާއްޖޭގައި ލާއިންސާނީ އަނިޔާ ހިންގާފައިވާ މިންވަރު ބެލުމަށް އދ. ގެ ކޮމިޓީ އެގެއިންސްޓް ޓޯޗަރ އިން ފުތަރަތަމަ ފަހަރަށް ރާއްޖެ ރިވިއުކުރަން ނިންމައިފި އެވެ.
އަނިޔާ ކުރުމާއި އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުއާހަދާގެ 19 ވަނަ މާއްދާގެ ދަށުން ދިވެހި ރާއްޖެ އިން ހުށަހަޅަން ޖެހޭ ރިޕޯޓް، ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހަޅާފައި ވަނީ 13 އޮކްޓޯބަރ 2018 ގައެވެ.
އަނިޔާކުރުމާއި އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުއާހަދާ ދިވެހިރާއްޖެ އިން ތަސްދީގުކޮށްފައި ވަނީ 20 އޭޕްރީލް 2004 ގައެވެ.
މި މުއާހަދާގެ ދަށުން ދިވެހި ރާއްޖެ އިން ފުރަތަމަ ހުށަހަޅަން ޖެހޭ ރިޕޯޓް 2005 ވަނަ އަހަރު ހުށަހަޅަން ޖެހޭއިރު ރާއްޖެ އިން ފުރަތަމަ ރިޕޯޓް ހުށަހަޅާފައި ވަނީ 17 އޮކްޓޯބަރ 2017 ގައެވެ.
ދިވެހި ރާއްޖެ އިން މިފަހަރު އދ. އަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ރިޕޯޓް ހުށަހެޅުން ލަސްވެފައި ވަނީ ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ލިބުން ލަސްވުމާއި ދޭ މައުލޫމާތު ފުރިހަމަ ނު ވުމުގެ ސަބަބުން ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ހާލަތާއި، އެކިއެކި ގޮތް ގޮތުން މިނިވަންކަން ނަގާލެވިފައިވާ ފަރާތްތަކާއި، ނަފްސާނީ ބަލިތަކާ ގުޅިގެން މީހުން ބޭތިއްބޭ ތަންތަނުގައި ތިބި ފަރާތްތަކާއި، އަސްކަރިއްޔާގެ ބެލުމުގެ ދަށުން ބަންދު ކުރެވިފައި ތިބި ފަރާތްތަކުގެ ހާލަތާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ކުރިން ހުށަހެޅި ރިޕޯޓްގައި ހިމެނިފައި ނު ވާނެ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ހުށަހެޅި ރިޕޯޓްގައި ފާހަފަކޮށްފައި ވެއެވެ.
މިއީ މި މުއާހަދާގެ ދަށުން ރާއްޖޭގެ ހާލަތު ވަޒަން ކުރެވޭ ފުރަތަމަ ފަހަރު ކަމަށްވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދިވެހި ރާއްޖޭގައި އެންޓި ޓޯޗަރ ގާނޫނެއް 2013 ވަނަ އަހަރު ވުޖޫދަށް ގެނެވިފައިވާ ކަން ފާހަގަކޮށްފައެވެ.
ދައުލަތުން ހުށަހަޅާ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހަޅާފައި ވާއިރު ޝެޑޯ ރިޕޯޓް ހުށަހަޅާފައި ވަނީ ޑިމޮކްރަސީ ނެޓްވޯކުގެ ފަރާތުންނެވެ.