ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ކިޑްނީގައި އުފެދުނު ހިލަ ތާށިވެ ނުވެއްޓިގެން ކުރަންޖެހޭ އޮޕަރޭޝަން ކޮށްފިއެވެ.
އޮޕަރޭޝަނަށް ފަހު އަދީބު މިހާރު ވަނީ ޕްރައިވެޓް އެގްޒެކެޓިވް ވޯޑަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބުގެ ހާލު ސްޓޭބަލްއެވެ. ނަމަވެސް އަދީބުގެ ހާލަތާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރާ ވާހަކަ ދެއްކެވުމަށް ފަހުގައި ކަމަށް އާއިލާ އިން ބުންޏެވެ.
އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ނަޝްވާ ވިދާޅުވީ އެޑްމިޓް ކުރެވުނު ފަހުން ތިން އެކްސްރޭ ނަގާފައިވާ ކަމަށާއި ނުވަ ދުވަސް ވެގެންދިޔައިރު ވެސް ހިލަ އެއްވެސް ވަރަކަށް މޫވްކޮށްފައި ނުވާތީ ކިޑްނީ ދުޅަވެފައިވާ ކަމަށެވެ. ސާޖަރީ ހަދާފައި ވަނީ ކިޑްނީ ފަންކްޝަނަށް މައްސަލަ ޖެހިދާނެތީ ސާޖަރީ ހެދުމަށް ޑޮކްޓަރ ނިންމެވެމުން ކަމަށް ނަޝްވާ ވިދާޅުވިއެވެ. ޖަލުގައި ހުންނަވަނިކޮށް އައިޖީއެމްއެޗުގައި އަދީބު އެޑްމިޓް ކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކޮށްފައިވާ އޮޕަރޭޝަނަކީ ލޭޒާ ޓްރީޓްމެންޓް އޮޕަރޭޝަނެކެވެ.
އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް އިތުރުވެފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވެފައިވާ ކަމަށް ނަޝްވާ މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.