އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު އަލައިނާ ޓެޕްލިޓްޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފޮނުއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއަވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުން، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ މެދު ޚިޔާލު ފާޅުކުރެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުން ވެސް އެޤައުމަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު މަޝްވަރާ ކުރައްވައި، އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.