މެކްސިކޯގެ ޑްރަގު ލޯޑު ވޯކިން ގުޒްމަން އެލް ޗަޕޯއާ ދެކޮޅަށް އެމެރިކާ އިން ކުރިޔަށް ގެންދާ ޝަރީއަތް ނިއުޔޯކްގެ ކޯޓުގައި ބުދަ ދުވަހު ފަށައިފިއެވެ.
އެމެރިކާގެ ފެޑެރަލް ޕޮރްސިކިއުޓަރ އިން އެލް ޗަޕޯއަށް ތުހުމަތުކޮށްފައި ވަނީ 1989 އާއި 2014 އާ ދެމެދު ސިނަލޮއާ ކާޓެލްގެ އިސްވެރިޔަކަށް ހުރެ ކޮކެއިން އާއި ކެނަބިސްގެ އިތުރުން މެތަމްފެޓަމައިން ބޮޑެތި ޝިޕްމަންޓްތަކެއް އެމެރިކާއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ކޯޓަށް ހުށައަޅާނެ ކަމަށް ވެސް ޕޮރްސިކިއުޓަރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 2015 ގުޒްމަން ހައްޔަރު ކުރެވުނު ސޭފް ހައުސް އިން ހޯދާފައިވާ ވީޑިއޯ އާއި ރިކޯޑިންތައް ވެސް ހުށައަޅާނެ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލަ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ގުޒްމަން އަށް އަންނާނެއެވެ.
ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގުޒްމަންގެ ވަކީލް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ދައުވާއެއް ނޫން ކަމަށެވެ.
ސަލާމަތީ ކަންތައްތައް ވެސް ވަރުގަދަ ކޮށްފައިވާ މި ޝަރީއަތް ހަތަރު މަހެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 61 އަހަރުގެ އެލް ޗަޕޯ ހައްޔަރުކުރީ މެކްސިކޯގެ ހައި ސެކިއުރިޓީ ޖަލުން ފިލައިގެން އުޅެނިކޮށެވެ. އޭގެ ފަހުން އެކްސްޓްރެޑިޝަންގެ ދަށުން 2016 ވަނަ އަހަރު ޖެނުއަރީ މަހު މެކްސިކޯ އިން ވަނީ އޭނާ އެމެރިކާއާ ހަވާލުކޮށްފައެވެ.
ފޯބްސް މަޖައްލާ އިން 2009 ވަނަ އަހަރު ޝާއިއު ކުރި ރިޕޯޓް ބުނާ ގޮތުގައި އެލް ޗަޕޯގެ މިލްކިއްޔާތުގައި ބިލިއަނެއްހާ ޑޮލަރު ހުންނާނެއެވެ.