Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 22:20
އެމްއެމްޕީއާރުސީގެ އޮފީސް
އެމްއެމްޕީއާރުސީގެ އޮފީސް
ގޫގުލް
އެމްއެމްޕީއާރުސީ
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
މައްސަލަ މާދަމާ ކޯޓަށް ވައްދާނަން

 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައިގައި ހޯމަ ދުވަހަށް ތާވަލް ކޮށްފައި އޮތް އަޑުއެހުމުގެ ޗިޓް ލިބިފައި ނުވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

އެްމްއެމްޕީއާރުސީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ކޯޓުން މައްސަލަ ބޭރު ކޮށްލީ އެ ކުންފުނިން ހާޒިރު ނުވެގެން ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ މައްސަލަ ހޯމަ ދުވަހަށް ކޯޓުގައި ތާވަލް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށާއި އަދި މައްސަލައިގެ ޗިޓް ވެސް އެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަަމުން މައްސަލައިގެ ޗިޓް ނުލިބި ކޯޓަށް ހާޒިރުވާން ނޭނގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޯމަ ދުވަހު ތާވަލް ކޮށްފައި އޮތް އެޑުއެހުމަށް އެމްއެމްޕީއާރުސީ އަށް ހާޒިރު ނުވެވުނީ ޗިޓް ލިބިފައި ނުވުމުން ކަން ކޯޓަށް އަންގި ކަމަށެވެ. އަދި މައްސަލަ ހޯމަ ދުވަހަށް ތާވަލް ކޮށްފައި އޮތްކަން އެނގުނީ މައްސަލަ ބޭރުކޮށްލި ފަހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.  

އޭނާ ވިދާޅުވީ މައްސަލަ ކޯޓުން ކޯޓުން ބޭރުކޮށްލި ނަމަވެސް އަންގާރަ ދުވަހު އަލުން މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ. އަދި މައްސަލާގައި ދެފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވާތީ ދެން ފަށާނީ މައްސަލައިގެ އަޑުއެހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށް ނިމިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.  

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަން ރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދު ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް