Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 17:36
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ދަރުބާރުގެ އަށް ރައީސް ވަޑައިގަންނަވަނީ:-ފޮޓޯ_ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ދަރުބާރުގެ އަށް ރައީސް ވަޑައިގަންނަވަނީ:-ފޮޓޯ_ރައީސް އޮފީސް
ގޫގުލް
ރިޔާސީ ބަޔާން
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
ކޮރަޕްޝަނުގެ އެއްވެސް ވާހަކަފުޅެއް ނުދައްކަވާ
ސިޔާސީ މަޝްރަހަށް މާބޮޑު ސަމާލުކަމެއް ދެއްވާފައެއް ނެތް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވި އިރު، ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައްތައް ކަމަށްވާ ކޮރަޕްޝަނާއި އަދުލު އިންސާފާއި ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅެއްނުވިއެވެ.

 

ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖްލީހުގެ ބާބުގެ 84 ވަނަ މާއްދާގައި "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖްލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ" ކަމަށެވެ.

 

ޤާނޫނު އަސާސީގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެފަދަ އެއްވެސް ކަމަކަށް ރައީސް އަލިއަޅުވާ ލައްވާފައެއް ނުވެއެވެ.

 

އެގޮތުން ކޮރަޕްޝަނާއި، އަދުލު އިންސާފް ޤާއިމްކުރުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.

 

މިއަހަރުގެ ރިޔާސީ ބަޔާނުގައި ކޮރަޕްޝަނާއި އަދުއިންސާފާއި އަދި އެނޫންވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އެކުލެވޭ ކަންކަމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ނުދެއްކެވި ނަމަވެސް މިދިއަ އަހަރުގެ ރިޔާސީ ބަޔާނުގައި އެކަންކަމުގެ މައްޗަށް ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

 

އެގޮތުން މިދިއަ އަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަންދޭ އެއްކަންތައް ކަމަށެވެ.

 

"ޢަދުލު އިންޞާފުގެ ދާއިރާއަކީ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޤަދަރު ލިބިފައި އޮތް ދާއިރާއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކީ ކުރެވޭތޯ ސަރުކާރުން މި ގެންދަނީ ބަލަމުން. ޢަދުލު އިންޞާފު ޤާއިމު ކުރެވޭނީ އެންމެންނާމެދުވެސް ހަމަހަމަކަމާއެކު، އެއް އުސޫލަކުން ޢަމަލުކޮށްގެން، ރާއްޖޭގައި، ޤާނޫނުގެ ބޭރުން އަދި ކޯޓުތަކުގެ އަމުރާ ޚިލާފަށް މީހުން ހިފައި ހައްޔަރުކުރީމާ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކަމަށް އަދަބުދޭތީ، ބައެއް ފަރާތްތަކުން ކަންބޮޑުވުން އެބަ ފާޅުކުރޭ. އެހެންނަމަވެސް އެކަންކަން އެގޮތަށް ހިންގުމަކީ، ޤާނޫނުގެ ވެރިކަން ބަލިކަށިވެ، މުޖުތަމަޢުގެ އިންތައް ހަލާކުވެގެންދާނެ ކަމެއް. އެކަހަލަ ކަންކަން ހިންގުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވެފައި ވެއެވެ.

 

ވަރަށް ފަނޑު ގޮތަކަށް ކޮރަޕްޝަނުގެ މައްޗަށް އަލި އަޅުވާލައްވަމުން މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާއި، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ފަރާތްތަކާ ގުޅޭ ގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކުގެ އަލީގައި އެފަދަ ފަރާތްތަކުން ކޮށްފައިވާ ޢަމަލުތަކާ ގުޅިގެން ދައުލަތަށް ލިބެންވާ ފައިސާ ހޯދުމުގެ މަސައްކަތް، ބަންޑާރަ ނައިބު ފަށްޓަވާނެ ކަމަށެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ ބަޔާނުގައި އެ މިންވަރަށް ވެސް ކޮރަޕްޝަނާއި ޝަރުއީ ނިޒާމާއި ގުޅުންހުރި އެއްވެސް ވާހަކަފުޅެއް ރައިސް ވިދާޅެއްނުވެއެވެ.

 

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކާއި މެދު ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވާއިރު، އެފަދަ އެއްވެސް ކަމަކަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް