Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 16:58
ރިޔާސީ ބަޔާން އިންވުމަށް ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގަންނަވަނީ
ރިޔާސީ ބަޔާން އިންވުމަށް ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގަންނަވަނީ
ގޫގުލް
ރިޔާސީ ބަޔާން
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
ތަފްސީލީ ޕްލޭން އަންނަ އޭޕްރީލްގައި ނިމޭނެ
އެ ޕްލޭން ނިމުމާއެކު އެމަޝްރޫއު ހިންގުމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރެވޭނެ
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްގީގެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދަކީ 900 މިލިއަން ޑޮލަރު

އިހަވައްދިފޮޅުގައި ތަރައްގީ ކުރާ އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައެވެ. އެމަނިކުފާނު ވިދާޅުވީ ހާއްސަ އިގްތިޞާދީ ސަރަހައްދުތައް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެންމެ އުތުރުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ، އައިހެވަން މަޝްރޫއުގެ ތަފްސީލް ޕްލޭންތައް، މިއަހަރު އޭޕްރީލް މަހުގެ ކުރިން ނިމޭނެ ކަމަށެވެ.

 

އެ ޕްލޭން ނިމުމާ އެކު މިއަހަރު އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

އައިހެވަން މަޝްރޫއަކީ ރައީސް ޔާމީން އާއި ސަރުކާރުގެ އިސްވެރިން ތަކުރާރުކޮށް މީގެ ކުރިން ވެސް އެކިއެކި ޖަލްސާތަކުގައި ވިދާޅުވަމުން ގެންދެވި ވާހަކަފުޅެކެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު 2014 ވަނަ އަހަރު އައިހެވަން މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ވަނީ 2015، އަދި 2016 ގައި ވެސް އެކިއެކި ޖަލްސާތަކުގައި އައިހެވަން މަޝްރޫއު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

 

މީގެ އިތުރުން، ރައީސް ޔާމީން ވިދާޅުވީ އިގްތިޞަދާއި ވިޔަފާރީގެ ހަރަކާތްތައް ރާއްޖޭގައި އިތުރުކުރުމަށް، ފާއިތުވެދިޔަ އަހަރު އެންމެބޮޑު އިންވެސްޓްމަންޓްތަކެއް ކުރެވިފައިވަނީ، ރާއްޖޭގެ ކަނޑައި ވައިގެ ބަނދަރުތަކުގައި އުމުރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްގީއަށް ފާއިތުވި ތިން އަހަރު ހިންގާފައިވާ އަދި ހިންގަންފަށާފައިވާ މަޝްރޫތަކުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދަކީ 900 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ.

 

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމަށް ބޭރުން ލޯނު ނެގުމަށް ނިންމައި، ސައުދީ އަރަބިޔާގެ ކޮންސްޓްރަންޝަން ކުންފުންޏެއް ކަމަށްވާ ބިއްލާދިން ގްރޫޕާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

 

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑީއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވަނީ ދިވެހި ދައުލަތުން ލޯނެއް ނެގުމުގެ ބަދަލުގައި 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދޫކޮށްގެން ނެވެ. އަދި ޖީއެމްއާރު ހިންގިއިރު، ޓެކްސް އާއި ފީގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ ފައިސާ ވެއްދި އެއްކުންފުންޏަކީ ވެސް އެއާރޕޯޓް ކުންފުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް