ޕްރިމިއާ ލީގުގައި އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ސިޓީ ތިންވަނަ އަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ސްވަންސީ ސިޓީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން 11 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް ފެނާންޑޯ ޑީ ޖީސަސް އެވެ.
މި ލަނޑަށް ފަހު ވެސް ސިޓީ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޑޭވިޑް ސިލްވާ އަދި ކެވިން ޑިބްރޭނާ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސްވަންސީގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ސްވަންސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސިޓީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.
މެޗުގައި ސްވަންސީން ނަތީޖާ ހަމަހަމަކުރީ 81 ވަނަ މިނެޓުގައި ސިގަޑްސަން ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ސިޓީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑޯ ޑީ ޖީސަސްއެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 24 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. މެޗުން ބަލިވި ސްވަންސީ އޮތީ ކުޅުނު 24 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގަ އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ލެސްޓާއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންރިކް މަހްތަރިޔާންއެވެ. މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ.
ޔުނައިޓެޑުން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފް ނިމެން މިނެޓަކަށްވެފައިވަނިކޮށް ލާޓަން އިބްރާހިމުވިޗްގެ ލަނޑުންނެވެ. މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުއާން މަޓާއެވެ. މި ލަނޑަށް ފަހު ވެސް ޔުނައިޓެޑަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު 24 މެޗުން ލިބުނު 45 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގަ އެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 24 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގަ އެވެ. މި ބައްޔާ އެކު ޗެމްޕިއަން ލެސްޓާ ވަނީ ރެލިގޭޝަނާ ގާތަށް ޖެހިފައެވެ.