Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 08:13
އާދީއްތަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ޑޜ ޑީޑީ ވާހަކަ ދައްކަވަނީ
އާދީއްތަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ޑޜ ޑީޑީ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
ރައީސް ޔާމީންގެ ސަރުކާރަކީ ޤަނޫނީ ގޮތުން ސައްޙަ ސަރުކާރެއް ނޫން
ޤާނޫން އަސާސީން ލިބިދޭ ހައްޤުގެ ބޭނުން އެންމެ ފުޅާ ދާއިރާގައި ބޭނުންކޮށް އިންތިޚާބު ފަސްކުރުމުގެ ޖާގަ ހުއްޓުވާނަން

ދެވަނަ ފަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ފުރުސަތެއް ދެން ނުދޭނެ ކަމަށާއި މިހާރު ދެވިފައި އެވަނީ އެންމެ ފަހު ފުރުސަތު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑރ ޑީޑީ މިހެން ވިދާޅުވީ ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ޑީޑީ ވިދާޅުވީ އިންތިޚާބަކީ އެމްޑީޕީއަށް އަބަދުވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި މިނިވަން އިންސާފްވެރި އިންތިޚާބުތައް ހޯދުމަށް އެމްޑީޕީން ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމަށްވެސް އެމްޑީޕީން ވަރަށް ބޮޑެތި މަސައްކަތް ކުރައްވާނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ.

"މިއީ އެންމެފަހު ފުރުސަތު. އިރާދަ ކުރެއްވިއްޔާ ދެން އިތުރު ފުރުސަތެއް ނުދޭނަން އިންތިޚާބު ފަސްކުރާކަށް" ޑރ ޑީޑީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތްއިރު އިންތިޚާބު ފަސްކުރިއަސް އިދިކޮޅު ފަރާތްތަކަށް ކުރެވޭނީ ކޮންކަމެއްތޯ ރާއްޖެ ޓީވީން ސުވާލު ކުރުމުން ޑރ ޑީޑީ ވިދާޅުވީ ކުރިން މުޒާހަރާތަކަށް ނުކުތުމުން ހައްޔަރުކޮށް މުޒާހަރާތަކަށް ނުނިކުތުމަށް ޝަރުތުކުރަމުންދިޔަ ކަމަށާއި ނަމަވެސް ޤާނޫން އަސާސީގައި އޮތްގޮތުން އެކަން އެހެން ނުކުރެވޭނެކަމަށް ފުލުހުންނަށާއި ސަރުކާރަށް ޗެލެންޖް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެޝަރުތު އެހެން ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައެޅިގެން ދިއުން ކަމަށެވެ.

ޑރ ޑީޑީ ވިދާޅުވީ މިފަހަރުވެސް އެގޮތައް ނުކުންނާނެ ކަމަށާއި ސަރުކާރުން ބުނާ އެއްޗަކަށް ނުވިސްނާނެ ކަމަށެވެ. އަދި ޤާނޫން އަސާސީން ލިބިދޭ ހައްޤުގެ ބޭނުން އެންމެ ފުޅާ ދާއިރާގައި ބޭނުންކޮށް, އިންތިޚާބު ފަސްކުރުމުގެ ޖާގަ ހުއްޓުވާނެ ކަމަށެވެ.

ޑރ ޑީޑީ ވިދާޅުވީ މިހާރުއޮތް ރައީސް ޔާމީންގެ ސަރުކާރަކީ ސީދާ ހުދުމުޚްތާރު ސަރުކާރެއް ކަމަށާއި ޤަނޫނީ ގޮތުން ސައްޙަ ސަރުކާރެއް ނޫން ކަމަށެވެ. އެހެންކަމުން މިސަރުކާރުން ބުނާއެއްޗަކަށް ބަލަން ނޯންނާނެކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް