މާލެއާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް، ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ގޮވާލައްވައިފި އެވެ.
ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި ވިލިމާލޭގައި މަރުވާ ފަރާތްތައް ހުޅުމާލޭގައި ވަޅުލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކުރިއެކޭ އެއްގޮތަށް މާލޭގައި މައްޔިތާގެ ޖަނާޒާގެ ހުރިހާ ކަމެއް ކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
މަޚުލޫފް ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ވެސް މައްޔިތާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގައި ރީތި އާދަތަކެއް ގެންގުޅޭ ބަޔަކަށް ވީތީ، ސަރުކާރުގެ މި ނިންމުން، މައްޔިތާގެ އާއިލާއަށާއި ގާތް އެކުވެރިންނަށް އަދި ހެޔޮއެދޭ ފަރާތްތަކަށް ހިތާމަވެރި ހިތްދަތި ކަމަކަށް ވާނެ ކަމަށެވެ.
މަޚުލޫފް ވިދާޅުވީ މި ނިންމުމުގެ ސަބަބުން، އާއިލާގެ މަދު ބަޔަކާ އެކުވެރިންގެ މަދު ބަޔަކަށް މެނުވީ ހުޅުމާލެއަށް ގޮސް ޖަނާޒާގައި ބައިވެރިވެ އެންމެ ފަހުގެ އިހުތިރާމް އަދާކޮށް ހެޔޮދުޢާ ކުރުމުގެ ފުރުޞަތު ގެއްލިގެން ދާނެތީ، މާލެއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން، ސިޔާސީ ވިސްނުމުން ދުރުހެލިވެ މިނިންމެވުން ބަދަލުކޮށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާ ކަމަށެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް 2018 ގެ މެދުތެރޭގައި ނިންމޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމާއި އަދި އާސަހަރާގައި ވަޅުލެވޭނެ ޖާގަ އަދިވެސް އޮތް ކަން ފާހަގަކުރައްވާ މަޚުލޫފް ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިމެންދެން މާލޭގައި ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އާދޭހާ އެކު ގޮވާލައްވާ ކަމަށެވެ.
މަޚުލޫފް ވިދާޅުވީ އެވަރު ވެސް ހަމަޖައްސައި ނުދެވޭ ކަމަށް ވާނަމަ، ހިނެވުމާއި މޫނު ދެއްކުމާ އަދި ކަށުނަމާދަށް ފަހު ވަޅުލުމަށް ހުޅުމާލެއަށް ބަދަލު ކުރުން ވެސް، ގިސްލާ ރޮމުން ހިތާމައާއި މޮޅިވެރި ކަމުގައި ތިބޭ އާއިލާގެ މެމްބަރުންނަށާއި އެކުވެރިންނަށް ލުޔަކަށް ވާނެ ކަމަށެވެ.
މައްޔިތާގެ ހަށިގަނޑު ކަނޑު މައްޗަށް އެރުވުމަކީ ޒަމާނުއްސުރެ ވެސް ދިވެހިންގެ މެދުގައި ''އެހާ ރަނގަޅު'' ނޫން ކަމެއްގެ ގޮތުގައި ދެކެމުން އައިކަމަކަށް ވާއިރު، މައްޔިތާާ އާއި މައްޔިތާގެ އާއިލާއަށް ކުރާ އިޙްތިރާމެއްގެ ގޮތުން ނަމަވެސް ބްރިޖް ހުޅުވެންދެން، މާލޭގައި ޖަނާޒާގެ ކަންކަން އިންތިޒާމް ކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އިސްލާމްދީނުގައި ވެސް އެމީހަކު މަރުވާ ބިމެއްގައި ވަޅުލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވާއިރު މިކަން މިގޮތައް ހަމަޖައްސަވައިދެއްވުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަމެވެ." މަޚުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން މަޚުލޫފް ވިދާޅުވީ ދައުލަތުގެ އިއްޒަތްތެރިއަކު ނޫންނަމަ ކޮންމެ ވެސް ތަނަވަސް ނޫންނަމަ ނުފޫޒު ގަދަ އާއިލާއެއްގެ މެމްބަރެއްގެ ޖަނާޒާ ބާއްވަން ޖެހިއްޖެ ނަމަ މިއަދުވެސް މާލޭގައި އެކަން ކުރާނެ ކަމަށެވެ. މަޚުލޫފް ވިދާޅުވި ގޮތުގައި، އޭގެ އެއް މިސާލަކީ މިހާރުވެސް އިސްލާމީ މަރުކަޒުގައި ކަށުނަމާދު ހަމަޖެހެނީ ވަކި ފެންވަރެއްގެ ވަކި ފަންތިއެއްގެ ބަޔަކަށް ނޫންނަމަ އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުން އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.
މަޚުލޫފް ވިދާޅުވީ މާތްވެގެންވާ ހަރަމްފުޅުގައި، ވަކި ގައުމެއް، ވަކި ކުލައެއް، ވަކި ނަސްލެއް ނުވަތަ ވަކި ގިންތިއެއް ބެލުމެއް ނެތި ކަށުނަމާދު ކުރަމުން ދާއިރު މިފަދަ ކަންކަމުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.
މަޚުލޫފް ވިދާޅުވީ އިސްލާމް ދީނަކީ ހަމަހަމަކާމާއި އިންސާފުގެ ދީން ކަމަށް ވާއިރު، މިފަދަ ކަންކަމުގައި ތަނަވަސް މީހެއް، ފަގީރެއް، ވެރިއެއް، އާއްމު ރައްޔިތެއް، ކުޑައެއް، ބޮޑެއް، ކަޅެއް، ދޮނެއް، ނުބަލާ ހަމަހަމަކަމާ އިންސާފުން މައްޔިތާއަށް އިޙްތިރާމް ކުޑަ ނުވާގޮތަށް، އާއިލާތަކަށް އިތުރު ތަކުލީފަކަށް ނުވާގޮތަށް ކަންކަން ރޭވުމަށް ގޮވާލާ ކަމަށެވެ.
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެއާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ބަދަލުކޮށްފައިވާއިރު، މައްޔިތާ އުފުލުމަށް ހަމަޖައްސާފައިވާ ފެރީ އިން ދަތުރުކުރެވެނީ އާއިލާގެ ތިން މީހަކަށް އެކަންޏެވެ. އެހެން މެންބަރުން ދާންޖެހެނީ ވަކިންނެވެ.
އިސްލާމިކް މިނިސްޓްރީ އިން ހަމަޖައްސާފައިވާ އުސޫލުތަކުގެ ސަބަބުން އިތުރު ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެ އެތައް ބަޔަކު ދަނި ކަންބޮޑުވުން ފާޅުކުރަމުންނެވެ.