މަރުވެފައިވާ ބައެއް މީހުންނަށް ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބެލިއިރު 48 ފަރާތަކަށް ޖުމްލަ 488،000 (ހަތަރު ސަތޭކަ އަށްދިހަ އަށް ހާސް) ރުފިޔާ 2014 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގޮތަށް ދިމާވެފައިވަނީ އެ އެހީއަކީ ނަގަމުންދާ ފަރާތްތައް ނިޔާވިއަސް، ނުވަތަ އެފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތައް ބަދަލު އަޔަސް އެކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އިޖްތިމާޢީ ސިއްޙީ އިންޝުއަރެންސް ސްކީމް ނޫން ގޮތަކަށް ސަރުކާރުން ދިވެހި ރައްޔިތުންނަށް ސިއްޙީ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ މައިގަނޑު މިންގަނޑުތަކުގައި އެހީދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކުގެ އިތުރުން އެހީއަށް އެދޭމީހާގެ ސިއްޙީ ޙާލަތާއި އަދި މާލީ ހާލަތަށް ރިއާޔަތްކޮށް މި މިންގަނޑުގެ ތެރޭގައި ހިމެނޭ ބަލިބަލި ނޫން ބަލިބައްޔަށްވެސް އެހީދޭން ނިންމިދާނެ ކަމަށާއި އަދި ކަނޑައެޅިފައިވާ އެންމެ މަތީ އަދަދަށްވުރެ ބޮޑު އަދަދެއް ވެސް ދޭން ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހީއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެހީދޭނީ އެންސްޕާގެ އިސްވެރިންގެ ތެރެއިން ތިންބޭފުޅުންގެ ކޮމެޓީއަކުން ނިންމާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި 2 މެއި 2013 ގައި ތައްޔާރުކޮށްފައިވާ ސިއްޙީ އިންޝުއަރެންސް ސްކީމުގެ އެހީގެ އިތުރުން ދިވެހި ރައްޔިތުންނަށް ސިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެހީއަށް އެދޭ މީހާގެ ސިއްޙީ ހާލަތަށާއި އަދި މާލީ ހާލަތައް ރިއާޔަތްކޮށް މިފަދަ އެހީއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެ އެހީދޭނީ އެންސްޕާގެ އިސްވެރިންގެ ލަފަޔާއެކު އެންސްޕާ ހިންގަން ހުންނަ އެންމެ އިސްވެރިޔަކު ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެހީދިނުމުގައި އެންސްޕާގެ ކޮމެޓީން ނިންމާފައިވާގޮތް ލިޔެކިޔުމުން ފެންނަން ނެތްކަން ފާހަގަ ކުރެވިފައިވާކަމަށް އެއޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.