ރައްޔިތުންގެ ވޯޓަކީ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް މުހިންމު އެއްޗެއް ނޫން ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕިޒަޝަން (އެމްއޯއޫ) ގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަށް ރައްޔިތުންގެ ވޯޓް މުހިންމު ނޫން ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނަށް ދެއްވި ވޯޓާ އެއްގޮތަށް ވެރިކަން ނުކުރެއްވި ކަމަށާއި އެހެންކަމުން ރައްޔިތުންގެ ވޯޓް ރައީސް ޔާމީނަށް މުހިންމު ނޫންކަން އެނގޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް ސަރުކާރު ހިންގަވާ ކަމަށް ވިދާޅުވެ އެކަމަށް އިޝާެާތްކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ފަސްޓްލޭޑީ އަށް ސަރުކާރު ހިންގުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ރައްޔިތުންގެ ވޯޓް ރައީސް ޔާމީނަށް މުހިންމު ނޫން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވާ އިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އިންތިހާބް ކާމިޔާބް ކުރެވުނީ ސްޕްރީމް ކޯޓުގެ އެހީތެރި ކަމާއެކު ކަމަށެވެ. އަދި ކުރިން ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަހަށް ފަސްކުރީ ވެސް ރައީސް ޔާމީން އަށް ތާއިދު ކުރައްވާ މެމްބަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.