ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 05:50
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
މުހައްމަދު ޝަރުހާން
ބީއެމްއެލް
ބީއެމްއެލްއަށް ތިން ވަނަ ކުއާޓަރގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު %11 ގެ ކުރިއެރުމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ތިން ވަނަ ކުއާޓަރގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެ، 365 މިލިއަން ރުފިޔާ އަށް އަރާފައެވެ. އަދި މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 1,053 މިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފަންޑިންގ ކޮސްޓް ބޮޑުވެފައިވީ ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން މާލީ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައިކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއަހަރުގެ މިހާތަނަށް ހިންގުމުން ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓް އިތުރުވެފައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަނޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 40 މިލިއަން ރުފިޔާ ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގައި ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް 22 ސީއެސްއާރު ޕްރޮގްރާމް ހިންގުމާއި ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މި ކުއާޓަރގައި މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ބޭންކަށް ލިބުނު ފައިދާގެ 30 ޕަސެންޓް މުޖުތަމައަށާއި ޓެކްނޮލްޖީއަށް އިންވެސްޓްކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ދާކަންވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް